. ކެންދޫގައި ބަނދަރު ތަރައްޤީކުރުމަށާއި ބިން ހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އަގަކީ 119.3 މިލިއަން ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް 450 ދުވަސް ދީފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 9،854 ކޮޑި މީޓަރުގެ ވެލި ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 112،016 އަކަ މީޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.
މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 278 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 10 މޫރިންގ ބޮއި ހަރުކުރުމުގެ އިތުރުން ރޭމްޕް އެޅުން ހިމެނެއެވެ. މީގެ އިތުރުން ޖެޓީ އެޅުމާއި، 62 މީޓަރުގެ ފައިކަށި އަދި 29 މީޓަރުގެ ނެރު ފައިކަށި ޖެހުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
ބަނދަރުގެ ރައްކާތެރިކަމަށްޓަކައި 9 ބަނދަރު ބައްތި އަދި 2 ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވޭނެއެވެ. އަދި އެއްގަމު ތޮށި ވަށައިގެން 5 މީޓަރު ފުޅާމިނުގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން ކެންދޫގެ ބަނދަރުގެ ޚިދުމަތްތައް ފުޅާވެ، ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ބިން ހިއްކުމުގެ ސަބަބުން ރަށުގެ ބިމުގެ ދަތިކަން ޙައްލުވެގެންދާނެއެވެ.