ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އޭދަފުށީގައި ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
80.79 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.
މި މަޝްރޫޢުގެ ދަށުން 6000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި 3200 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކަކާއި، 3000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އިދާރީ ބްލޮކެއް އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން، 4000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް އަދި ހަމަ އެ ބޮޑުމިނުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
720 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މި މަޝްރޫޢަކީ، އޭދަފުށީގެ މަތީ ތަޢުލީމުގެ ދާއިރާއަށް އައު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.