އޭދަފުށީގައި ބިނާކުރުމަށް ނިންމާފައިވާ 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި އިއުލާނު ކުރައްވައިފިއެވެ.
އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 7 ރަށުގެ ތެރެއިން އެއް ރަށް ކަމަށްވާ އޭދަފުށީގައި އަޅާ މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢުއަކީ 100 ޕަސެންޓު ފީސިބަލް ޕްރޮޖެކްޓެއް ކަމަށާއި، މި ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އަދި މި ހައުސިން ޔުނިޓުތައް ލިބޭނީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އޭދަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށާއި، އިޤްތިޞާދީ ބޭނުންތަކަށް އެރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށެވެ.
ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ވެރިކަމުގެ ފުރަތަމަ އަހަރު އިޤްތިޞާދީ ގޮތުން ދިމާވި ގޮންޖެހުންތަކާ ހެދި ލަސްވެފައިވާ މަޝްރޫޢުތައް މިހާރު "ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ" ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އޭދަފުށީގެ ތަރައްޤީއަށް ކުރެވިފައިވާ ގިނަ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އަދި މި މަޝްރޫޢު މި ދައުރުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައިވެއެވެ.