ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް 181.7 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.
50 އެނދުގެ މި ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ބ. އަތޮޅު ހޮސްޕިޓަލަކީ އެ އަތޮޅުގެ ގިނަ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމަށް ބަރޯސާވާ މައި ހޮސްޕިޓަލެވެ.
މި ހޮސްޕިޓަލަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޑޮކްޓަރަށް ދެއްކުމަށް ޒިޔާރަތްކުރާއިރު، އައު އިމާރާތުގެ މަސައްކަތް ފެށުމާއެކު ހޮސްޕިޓަލުގެ މެމޮގްރަފީގެ ޚިދުމަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ.
އައު އިމާރާތުގެ މަސައްކަތް ނިމުމުން ބ. އަތޮޅު ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.