އެއީ ސްކޫލްގައި ދެލޯބިވެރިންނެވެ. ސްކޫލް ނިމުމާއިއެކު ދެމީހުންނަށްވެސް ޖެހުނީ ވަކިވާށެވެ. ދެމީހުންނަކީވެސް ދެރަށުގެ މީހުން ކަމަށްވީތީއެވެ. އެހިސާބުން ދެމީހުންނަށްވެސް ވިސްނުނީ ދެމީހުން ދެން ބައްދަލުނުވާނެ ކަމަށެވެ.
ސާމިޔާގެ މައިންބަފައިންނަކީ ތަނަވަސް ބައަކަށްވުމުން ދިރިއުޅުން މާލެއަށް ބަދަލުކުރިއެވެ. ފިހާރަ ހުޅުވައި ވިޔަފާރިކުރަން ފެށިއެވެ. ދާދި އަވަހަށް އެއީ ބޮޑު ވިޔަފާރިއަކަށް ބަދަލުވެގެން ދިއައެވެ. ކުންފުނީގެ އިދާރީ މަސައްކަތްތައް ބަލަހައްޓަނީ ސާމިޔާއެވެ.
10 އަހަރު ފަހެވެ. މުވައްޒިފުން ބޭނުންވެގެން އިޢުލާނުކުރުމުން ކުރިމަތިލި މުވައްޒިފުންނާއި ބައްދަލުކޮށް އިންޓަރވިޔުކުރުމުގެ ތެރެއިން ސާމިޔާގެ ހިތަށް ތީރުތަކެއް ހެރިގެންދިއައެވެ. ވިންދުއަވަސްވެގަތެވެ. ސާމިޔާ ފަލަވެ ސިފަ ބަދަލުވެފައި ހުރިވަރުން އޭނާއަށް ސާމިޔާ ވަކިކުރަން ނުއެނގުނު ނަމަވެސް ކުރިމަތީގައި އެއިނީ ށާމިޔާގެ ހިތުގެ ރަސްގެފާނެވެ. ޢާޞިފްއެވެ. ސާމިޔާއަށްވެސް ޢާޞިފް ޔަޤީންކުރެވުނީ ސިފައިގެ އިތުރުން އޭނާގެ ވަނަވަރުންނެވެ.
ސާމިޔާ ޢާޞިފަށް ދިނީ އޭނާގެ އެހީތެރިއެއްގެ ވަޒީފާއެވެ. ވަޒީފާ ދިންކަމަށް ބުނެ އޮފީހަށް ނުކުންނަން ފަށަން ބުނުމުން ޢާޞިފް ބުންޏެވެ. "އަހުރެންނަށް އޮޅުނީ ކަމަށްވެސްވެދާނެއެވެ. ނަމަވެސް ތިއަ އަޑަކީ އަހުރެން އެމީހަކު ދެކެ ހިތުގެ އެންމެ ފުންމިނުން ލޯބިވާ ސާމިޔާގެ އަޑެވެ. ތިއައީ އަހުރެންގެ ސާމިޔާ ކަމަށްވާނަމަ އަދި ސާމިޔާ ހުރީ ކައިވެނިކޮށްގެން ކަމަށްވާނަމަ ސާމިޔާ ފެންނަ ހިސާބުގައި މަސައްކަތްކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަހުރެން އަދިވެސް އިންތިޒާރުކުރަމުން މިއަންނަނީ އަހުރެންގެ ސާމިޔާއާއި ބައްދަލުވާނެ ދުވަހަކަށެވެ."
ސާމިޔާއަކަށްވެސް ކެތެއް ނުކުރެވުނެވެ. ފުރަތަމަ ސުވާލަކަށްވީ ތިއަ ސާމިޔާ އަހުރެންހައި ފަލަވެފައި ސިފަ ބަދަލުވެފައިހުރި ނަމަވެސް ހެއްޔެވެ؟ ޖަވާބުގައި ޢާޞިފް ބުނީ ފަލަވުން ކީއްކުރަން ހެއްޔެވެ؟ ހިކި އަނަރޫފަވެ ކާޑުބަލި ޖެހިފައި ހުރި ސިފައިގައި ފެނުނަސް އުފަލުން އުރައިލާނަމެވެ.
ސާމިޔާއަކަށް ގޮނޑިއަކު ނުއިނދެވުނެވެ. ތެދުވެގެން އައިސް ޢާޞިފްގެ ގައިގައި ބައްދައިގަތެވެ. ހިތްފުރެންދެން ބޮސްދީފައި ބުންޏެވެ. "އެވަޒީފާ މިދިނީވެސް ޢާޞިފް އެންމެ ގާތުގައި ބަހައްޓަންވެގެންނެވެ. ދެން ދެމީހުން ދުރެއް ނުކުރެވޭނެއެވެ. އިން ޝާ ﷲ"
ދެމީހުން ކައިވެނިކުރީއެވެ. އެކައިވެނީގައި މިހާރު 18 އަހަރުވެއްޖެއެވެ. އަދިވެސް ތިބީ ހަމަ ހަނީމޫންގައެވެ. ދެމަފިރިންނަކީ އަމިއްލަ ވިޔަފާރިކުރާ ތަނަވަސް ދެމީހުންނެވެ.
އަޅުގަނޑުގެ ޙަޔާތް ވަރަށް ކުރު ގޮތަކަށް މިއަދުނޫހުގެ ކިޔުންތެރިންނަށް މިހުށަހަޅައިލީ ސާމިޔާއެވެ. ޢާޞިފްގެ ހުއްދައާއިއެކުގައެވެ. އަޅުގަނޑުގެ ވާހަކަ ހުށަހަޅާލަން ޝައުޤުވެރިވީ މިއަދުނޫހުގެ "ޢިބްރަތްތެރި ވާހަކަ" ސިލްސިލާގައި ފަލަވުމަކީ ބައިވެރިޔާ މަތިން ފޫހިވެ ލޯބިނުވަން މެދުވެރިވާ ސަބަބެއްކަމަށް ލިޔެވިފައި ހުންނަ ވާހަކަތައް ފެންނާތީއެވެ. އަޅުގަނޑު ބުނާނީ ފަލަވުމާއި ހިކުމަކީ އަނެކާ ދެކެ ލޯބިވުމާއި ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. ފލަޔަސް ހިއްކަސް ލޯބިވާ މީހަކު ލޯބިވާނެކަން އަޅުގަނޑު މިހުރީ ތަޖުރިބާކޮށްގެންނެވެ.
އަޅުގަނޑު ހިކެން މަސައްކަތް ފެށީ ކައިވެންޏަށް ފަހުގައެވެ. ޢާޞިފް ބުނެގެނެއް ނޫނެވެ. ދަރިއަކު ހޯދުމުގެ ފުރުޞަތު ބޮޑުކުރަންވެގެންނެވެ. ފުރަތަމަ ދަރިފުޅު ލިބުނީ ބަރުދަނުގައި 95 ކިލޯ ހުއްޓައެވެ. އެކަމަކު މިހާރު 58 ކިލޯއެވެ.
- ސާމިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް