ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ޖޫން މަހު ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. މި ބިލަކީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކޮށް، އެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ބަޔާންކުރުމަށާއި އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމަށް ހުށަހެޅުއްވި އިސްލާހުތަކެކެވެ.
ފާސްކުރެވުނު ބިލުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވުޒާރަތަކާ ގުޅޭގޮތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުތައް ބޭނުންކުރުމާގުޅޭ ހުރިހާ އުސޫލުތައް ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށްވެސް ހިނގާނެއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލް އަދި އެހެން މުވައްޒަފުން ހިމެނޭ އޮނިގަނޑެއް އެކުލަވާލުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭނެއެވެ.
މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި އިސްލާހުގައި ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި، ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތަކާއި، ލީގަލް ސަޕޯޓް ސަރވިސް މުވައްޒަފުންގެ ވަޒީފާ އަދާކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. މިއީ ބަންޑާރަނައިބުގެ އޮފީހުން މީގެ ކުރިންވެސް ފާހަގަކުރައްވާފައިވާ ފަދައިން، އެ އޮފީހުގެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ކަމުގައި ބެލެވެއެވެ.