ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ.ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫޢުގެ ދަށުން 44.70 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިން ހަވާލުކޮށްފައިވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަންގެ އެއްބަސްވުން ބާޠިލުކުރުމަށްފަހު، މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ޑރ.ޢަބްދުﷲ މުއްޠަލިބް އަދި އެމްޓީސީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވަނީ ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވިދާޅުވި ގޮތުގައި، މަޝްރޫޢުގެ ފައިސާގެ ކަންކަން ހަމަޖެއްސުމަށް ވަގުތުކޮޅެއް ނެގުނު ނަމަވެސް، މަސައްކަތް ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

"އޭރު ފާސްކޮށްފައި އޮތް އީއައިއޭއަށް މަސައްކަތް މިފެށީ، އަޅުގަނޑުމެން ގެންނާނެ ބަދަލަކީ މަޝްރޫޢު ފެށިގެންދާ ދިޔުމުގެ ތެރޭގައި މިފަޅުން ބޭރުން އެހެން ވެލި ނަގައިގެން ހޮޕަރ ޑްރެޖަރ ބޭނުންކޮށްގެންކުރާ ގޮތަށް ބަދަލުކުރުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ 660 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫޢެކެވެ. ކުރިން ރޭވިފައިވާ ގޮތާ ޚިލާފަށް، މިހާރު ވަނީ ފަޅު ތެރެއިން ވެލި ނެގުމުގެ ބަދަލުގައި ފަޅުން ބޭރުން ވެލި ނެގުމަށް ނިންމާފައެވެ. މި ބަދަލާއެކު މަޝްރޫޢުގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން