ޙައްޖު ކޯޓާގައި ފުރުސަތު ދެނީ އުސޫލުގެ ތެރެއިންކަމަށާއި ވަކި މީހަކަށް ޚާއްސަ އިސްކަމެއް ދީފައިނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިކަން ވަޒީރު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، ޙައްޖު ކޯޕަރޭޝަނަކީ ހެޔޮ އަގުގައި ޙައްޖާއި އުމްރާގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ. އަދި މި މުއައްސަސާ ތަރައްގީކޮށް ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ސަޢުދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ދިވެހިރާއްޖެއަށް 1000 ޙައްޖު ކޯޓާ ދެމުން އަންނަކަން ފާހަގަކުރައްވައި، މިއަހަރުވެސް ޙައްޖަށް މީހުން ގެންދިއުމުގައި ފުރުސަތު ދީފައިވަނީ އުސޫލުތަކާ އެއްގޮތަށްކަން ވަޒީރު ހާމަކުރެއްވިއެވެ. މިގޮތުން މިއަހަރު ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށްފައިވަނީ 850 މީހުންނެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 44 މީހުން ހިމެނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، 75 އަހަރުން މަތީގެ ފަރާތްތަކަށް އެހީތެރިން ބޭނުންވާނެތީ، އެ ފުރުސަތު އުސޫލުގެ ތެރެއިން ފަހިކޮށްދީފައިވާނެއެވެ. އަދި މީގެ އިތުރުން ފަޤީރުންގެ ތެރެއިން 50 މީހުންނަށް ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދިއުމުގެ ފުރުސަތު ދެއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
"1446ވަނަ އަހަރު ދިވެހިރާއްޖޭން މީހުން ޙައްޖަށް ގެންދިއުމަށް ލިބުނު 1000 ކޯޓާގެ ތެރެއިން ޙައްޖު ކޯޕަރޭޝަންގެ ކިޔުއިން 1446 ވަނަ އަހަރު 850 މީހުންނަށް ފުރުސަތު ދެވިފައިވޭ،" ވަޒީރު ވިދާޅުވިއެވެ.