ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އެއް ސިޔާސަތަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ސިޔާސަތުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
އޭދަފުށީގައި އިމިގްރޭޝަން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެރަށުގައި ފުރަތަމަ ޕާސްޕޯޓު ހެއްދި ފަރާތާ ޕާސްޕޯޓު ޙަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 11 އަތޮޅެއްގައި ޚިދުމަތް ފެށިފައިވާކަން ފާހަގަކުރެވެއެވެ. މި މަސައްކަތް ފެށިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އަދި ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މެލޭޝިއާގައިވެސް ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހެދުމުގެ ޚިދުމަތް ފެށިފައިވުމެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.