ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ރައީސް އިފްތިތާހްކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ރައީސް އިފްތިތާހްކޮށްދެއްވައިފި

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް މިއަދު އިފްތިތާހްކޮށްދެއްވައިފިއެވެ. މި ޚިދުމަތް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ކެންސަރު ބަލި ގިނަ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ކެންސަރުގެ އެކި ބާވަތްތަކުގެ ތެރެއިން އެންމެ އާންމުކޮށް ފެންނަ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނެއެވެ. މިކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އޭދަފުށީގައި މެމޮގްރަފީގެ ޚިދުމަތް ފެށުމާއެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް މި ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހުން ނިމުމަކަށް އަންނާނެއެވެ. މީގެ އިތުރުން، އަންހެނުންގެ ދުޅަހެޔޮ ސިއްހަތު ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް މި ޚިދުމަތުން މަގުފަހިވެގެންދާނެއެވެ.

މި ޚިދުމަތް އިފްތިތާހްކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މެމޮގްރަފީގެ ޚިދުމަތް ދިނުމަށް ޚާއްސަކުރެވިފައިވާ އުރަމަތީގެ ކެންސަރ ސްކްރީނިންގ ކޮޓަރި ބައްލަވާލައްވާފައެވެ. މި ޚިދުމަތް ފެށުމާއެކު އެ ސަރަހައްދުގެ އަންހެނުންނަށް ފަސޭހަކަމާއެކު އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޚިދުމަތަކީ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަނެއް ފިޔަވަހިއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން