ގޮއިދޫގައި އަލަށް ޤާއިމްކޮށްފައިވާ އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ގޮއިދޫގައި އަލަށް ޤާއިމްކޮށްފައިވާ އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މިއީ ބީއެމްއެލްގެ އޭޓީއެމް މަޝްރޫޢުގެ ދަށުން މިޚިދުމަތް ޤާއިމްކުރެވުނު 41 ވަނަ ރަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ ވަޢުދެއް ކަމަށްވާއިރު، މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ގޮއިދޫގައި ޤާއިމްކުރެވުނު އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްޓަކައި ރައީސް މުޢިއްޒު ވަނީ އަމަލީގޮތުން އޭޓީއެމުން ފައިސާ ނަންގަވާފައެވެ.

އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރެވުނެވެ. މި ކާޑާ ހަވާލުވެވަޑައިގެންނެވީ ގޮއިދޫ ކައުންސިލުގެ ރައީސް، އިބްރާހިމް ޝާހިދެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގޮއިދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން 24 ގަޑިއިރު ތެރޭގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

މި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ގޮއިދޫގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ.

 

މިއަދު އޮންލައިން