ޙައްޖު ކޯޕޮރޭޝަނުން މީހުން ޙައްޖަށް ގެންދިއުމުގައި ޢަމަލުކުރާ އުޞޫލުތަކާއި ރައީސް ޑރ. މުޢިއްޒު ގެންނެވި ހެޔޮ ބަދަލުތަކާއި ކުރިއަށް ރޭވިފައިހުރި ޚިދުމަތްތަކުގެ ތަފްޞީލް ވަޒީރު ޑރ. ޝަހީމް ހާމަކުރައްވައިފިއެވެ.
2025ވަނަ އަހަރު ގައި ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓުގެ ތަރުތީބުން ހައްޖަށް ގެންދިޔައީ ކިތައް މީހުންތޯ އޮޅުން ފިލުއްވުމަށް ވައިކަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޮނަރަބްލް ޙުސައިން ޒިޔާދު، ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ދެއްވި ޖަވާބު
12 އޯގަސްޓް 2025 ( އަންގާރަ)
بسم الله الرحمن الرحيم
الحَمدُ للهِ رَبِّ العاَلمِيْنَ، والصَّلاةُ والسَّلامُ عَلَى أَشْرَفِ الأَنْبِيَاءِ والمُرْسَلِيْنَ، سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِه أَجْمَعِينَ، ومَنْ تَبِعَهُم بِإحسانٍ إِلىَ يَومِ الدِّينِ، وَبَعْدُ:
ރައްޔިތުންގެ މަޖްލީހުގެ ޢިއްޒަތްތެރި ރައީސް!
ޢިއްޒަތްތެރި މެންބަރުން!
އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހު
2025ވަނަ އަހަރު ގައި ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓުގެ ތަރުތީބުން ހައްޖަށް ގެންދިޔައީ ކިތައް މީހުންތޯ އޮޅުން ފިލުއްވުމަށް ވައިކަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ޒިޔާދު، ކުރެއްވި ސުވާލާ ގުޅިގެން ޢިއްޒަތްތެރި މެންބަރަށް ނުހަނު އިޚުލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
ޢިއްޒަތްތެރި ރައީސް!
ޢިއްޒަތްތެރި މެންބަރުން!
ޢިއްޒަތްތެރި މެންބަރު ހުށެހެޅުއްވި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ހައްޖުގެ ކިއު އުފެދިގެން އައި ގޮތުގެ ތަޞަވުރަކާއި ކޯޓާ ދެވޭ ގޮތާއި ހައްޖު ކޯޕަރޭޝަންގެ ޚިދުމަތުގެ މައްޗަށް އަލިއަޅުވާލަން ޤަސްތުކުރަން. އާދެ! ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނަކީ، ރައްޔިތުންނަށް ހެޔޮ އަގެއްގައި ޙައްޖާއި އުމްރާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އުފެއްދި މުއައްސަސާއެއް. ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް ޒަމާނަށް ފެތޭ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެއް. މި ވަޢުދުގެ ދަށުން މި މުއައްސަސާ ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން
ޢިއްޒަތްތެރި ރައީސް!
ޢިއްޒަތްތެރި މެންބަރުން!
ޙައްޖު ކޯޕަރޭޝަން އުފެދިގެން އައި ދުވަސްވަރަކީ އަމިއްލަ ޖަމާޢަތްތަކުން ޙައްޖާއި އުމްރާގެ ޚިދުމަތް ދެމުން ދިޔަ ދުވަސްވަރެއް.
ޖަމާޢަތްތަކުން މިދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރު ދަންނަވަން. ހަމައެއާއެކު ދަންނަވަން. ބައެއް ޖަމާއަތްތަކުން ރައްޔިތުން އަތުން ފައިސާ ނަގައިގެން ހައްޖަށް މީހުންގެންދިއުމުގައި ދިމާވި އިހުމާލުތަކަށް ފަރުވާ އެއް ހޯދުމުގެ މަޤުޞަދުގައި ހައްޖު ކޯޕަރޭޝަން ވުޖޫދު ވެގެންއައީ.
ޢިއްޒަތްތެރި ރައީސް!
ޢިއްޒަތްތެރި މެންބަރުން!
ޙައްޖު އަޅުކަމަކީ އިސްލާމްދީނުގެ މަތިވެރި ފަސްރުކުނުގެ ތެރެއިން އެއްރުކުން. އެއީ މުސްލިމު އިންސާނާގެ ކުޅަދާނަކަމާ ގުޅިފައިވާ ރުކުނެއް. ކުޅަދާނަ ކަމަކީ މާލީ ކުޅަދާނަކަމާއި ޖިސްމާނީ ކުޅަދާނަކަމާއި ދަތުރުފަތުރުގެ އަމަންއަމާންކަމާ ގުޅިގެން ތަރުތީބުވެގެން އަންނަ ކަމެއް.
ހެޔޮ ޞިއްޙަތެއްގައި ވާ މީހާ ޙައްޖަށް ދިއުމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ މާލީ ކުޅަދާނަކަން. މާލީ ކުޅަދާނަކަމަކީ މިޒަމާނުގައި ހުރި ވަސީލަތްތަކުގެ ތެރެއިން ހޯދޭނެ ކަމެއް. ނިކަމެތި މީހާއަށް ވެސް އެކަން ޙާޞިލްކޮށްދެވިދާނެ. ކުޑަމިންވަރެއް އަތުގައި އޮތް މީހާ ހައްޖަށް ދާން ކުރާ އުންމީދަށް އަލިކަމެއް ގެނެސްދެވިދާނެ މަގަކީ އޭނާއަށްޓަކައި އެފައިސާ ކޮޅު އިންވެސްޓްކުރުން.
ޢިއްޒަތްތެރި ރައީސް!
ޢިއްޒަތްތެރި މެންބަރުން!
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ ޙައްޖު ޖަމާޢަތެއްނޫން. އެއީ ޙައްޖުގެ ޚިދުމަތްތައް ރައްޔިތުންނަށް ފެންވަރު ރަނގަޅު ގޮތުގައި ލުއި ފަސޭހަކަމާއި އެކީ އަޅުކަން އަދާކުރެވޭނެ އެންމެހައި ވަސީލަތްތަކާއި އެކީ ފޯރުކޮށްދޭ މުއައްސަސާއެއް. އަދި ޙައްޖަށް ދިޔުމުގެ ގަސްދުގައި ފައިސާ އެއްކުރާ ފަރާތްތަކުގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައިދީ، އެ ފައިސާ އިސްލާމީ ޝަރީއާ ހުއްދަކުރާ އުޞޫލުން އިންވެސްޓުކޮށް އެ އިންވެސްޓުމަންޓުތަކުން ލިބޭ ފައިދާ ޙައްޖަށް ދިއުމުގެ ގަސްދުގައި ހުރި ފަރާތަށް ޚަރަދު ކުރާ މުއައްސަސާއެއް. އަމިއްލައަށް ފައިސާ ރައްކާކޮށްގެން ޙައްޖަށްދެވޭ މުއްދަތު ކުރުކޮށްދީ، ޓްރާންސްޕޭރަންޓު ނިޒާމެއްގެ ދަށުން ޙައްޖު ކޯޓާ ކަށަވަރުކޮށްދީ، ދުރާލާ ޙައްޖަށްދާ މީހުން ތައްޔާރުވުމަށްޓަކައި ނަފްސާނީ، ޖިސްމާނީ އަދި ރޫޙާނީގޮތުން ބޭނުންވާ ތަމްރީނު ފޯރުކޮށްދޭ މުއައްސަސާއެއް.
ޢިއްޒަތްތެރި ރައީސް!
ޢިއްޒަތްތެރި މެންބަރުން!