މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވުޖޫދަށް އައުމަށްފަހު ދިވެހި ރައްޔިތުންނަށް ޙައްޖަށް ދިއުމުގައި އެތައް ލުއި ފަސޭހަތަކެއް ލިބިގެން ދިޔަ.
ޕްރައިވެޓު ޙައްޖު ކުންފުނިތަކުން ޒަމާނުއްސުރެ ދެމުން އައި ޙައްޖު އަދި ޢުމްރާގެ ޚިދުމަތްތަކަށް އިންޤިލާބީ ބަދަލުތަކެއް އައި. ޙައްޖު ޚިދުމަތް ހޯދުމަށް ދައްކާ އަގުގެ އިތުރަށް ފައިސާ ނުނަގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ތަނަވަސްވެ ޙައްޖު ކޯޓާ އަށް ސަލާން ނުޖަހައި ވަކި ނިޒާމެއްގެ ތެރެއިން ޙައްޖު ކޯޓާ ލިބޭނެ ކަމުގެ ޔަޤީންކަން ލިބިގެން ދިޔަ.
އަދި މަކަރުވެރިކަމާއި އޮޅުވައިލުމުގެ ދަލެއްގައި ނުޖެހި ޙައްޖަށް ގޮސް ފުރިހަމަ ޚިދުމަތްތަކެއް ޒަމާނީ ފަސޭހަތަކާއެކު ލިބިގެން އެނބުރި އާއިލާ ގާތަށް ދިވެހިރާއްޖެއަށް އާދެވޭނެކަމުގެ އުއްމީދު ލިބިގެން ދިޔަ. އަދި އިންޓަރނެޓުގެ ފަސޭހަތައް ހިލޭ ލިބި ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ވަގުތަށް ޙައްޖުވެރިންގެ އަޕްޑޭޓުތައް ފޯރުވައިދިން.
ނިކަމެއްޗަކާއި ޢިއްޒަތްތެރިއެއްގެ ނުވަތަ މަތީ މަޤާމެއްގައި އުޅުއްވާ ފަރާތެއްގެ ތިމާގެ ކަމަކަށް ބެލުމެއް ނެތި އެއްފެންވަރެއްގެ ޚިދުމަތް ޙައްޖު އަދި ޢުމްރާގެ އަޅުކަމުގައި ލިބިގެން ދިޔައީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވުޖޫދުވުމުން.
ޙައްޖު ކޯޓާ ޔަޤީންކުރާ ނިޒާމު ދެފުށްފެންނަގޮތަށް ބައްޓަން ކުރުމަށްޓަކައި ދާއިރާގެ ކުރިއަރައިފައިވާ ޤައުމުތަކުގެ ތަޖުރިބާތަކަށް ބަލައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްފެށީވެސް އެކަމަށް އެކަށޭނަ ނިޒާމެއް ތަޢާރަފުކޮށް، އެ ނިޒާމުގެ ތެރެއިން ފައިސާދައްކާ ފަރާތްތައް، ފައިސާދައްކާ ތަރުތީބުން ކޯޓާދެވިގެން. އަދި 2025ވަނަ އަހަރު އެ މުއައްސަސާއިން ޚިދުމަތްދިނުމަށް ކަނޑައެޅި އާ އުޞޫލު ގެޒެޓުކޮށް، އެ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަރުތީބުކޮށްގެން ދެފުށްފެންނަ ނިޒާމެއްގެ ދަށުން ޚިދުމަތްދޭން ފެށުން ވެގެން ދިޔައީ ދިވެހި ރައްޔިތުންގެ އިތުބާރާއި ލޯބި މި ނިޒާމަށް ލިބި، މި މުއައްސަސާގެ މުހިއްމުކަމާއި ބޭނުންތެރިކަން ދިވެހިން ބަލައި ގަތުން.
ޢިއްޒަތްތެރި ރައީސް!
ޢިއްޒަތްތެރި މެންބަރުން!
ޙައްޖުގެ އަޅުކަމަށް ޙައްޖަށްދާ ފަރާތްތަށް އަހުލުވެރިކުރުމަށް ބާއްވާ ޓްރެއިނިންގތަކުގެ ފެންވަރު ހުންނަންވީ މިންގަނޑުވެސް ދިވެހި މުޖުތަމަޢަށް ކަނޑައަޅައިދިނީ މި މުއައްސަސާއިން. އަޅުކަމުގައި އުޅޭއިރު، ސިއްހަތަށް ބަލާނެގޮތް ކިޔައިދީ ވަކި ޤަވާއިދަކުން ޙާޖީންގެ ސިއްޙީ ހާލަތު ބަލައި އެކަށިގެންވާ ފަރުވާ ފޯރުކޮށްދެމުން ގެންދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން. އަދި ޙައްޖުގެ މަނާސިކުތައް އަދާކުރުމުގެ ތެރޭގައި ބައެއް ފަހަރު ޙާޖީން ގެއްލުމުން، ހޯދުމަށް ދަތިވާތީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ފަސޭހައިން މީހުން ހޯދޭނޭ ނިޒާމެއް ޤާއިމުކޮށްދިން. އަދި ޙައްޖުގެ ދަތުރުގައި ބޭނުންކުރާނެ ލުއި ފަސޭހަ ހަތަރު ފުރޮޅުލީ ޙައްޖު ކޯޕަރޭޝަނުގެ ޚާއްސަ ޑިޒައިނެއްގެ ދަތުރު ދަބަސް ހަދައި، އެއަރޕޯޓުން ޙާޖީންގެ ފޮށި ފާހަގަކުރަން ނޭނގިގެން ފޮށި ގެއްލޭ ހާދިސާތަކުން ސަލާމަތްކޮށް، އަތަށް ފަސޭހަ، ކޮނޑުގައި އަޅުވައިގެން އުފުލަންޖެހޭ އަތްދަބަހުގެ ބަދަލުގައި، ފުރޮޅުލީ އަތްދަބަސް ތަޢާރަފުކޮށް ޙައްޖު އަގުގެ ތެރެއިން ޙައްޖަށްދާ ފަރާތްތަކަށް ލިބޭ އެއްޗެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. އަދި މިދިޔަ ހައްޖުން ފެށިގެން ރައީސްގެ ޚާއްޞަ ނިންމެވުމުގެ ދަށުން ޙާޖީން މައްކާއާއި މަދީނާއާ ދެމެދު ކުރާ ދަތުރުތައް ވަނީ ހައި ސްޕީޑް ރެއިލްގައި ކުރާ ގޮތައް ހަމަޖައްސާފަ.
މިގޮތުން، ކޮންމެ އަހަރެއްގެ ތަޖުރިބާއަށް ބަލައި ދަބަސްތަކުގެ ފަރުމާތަކަށް ބަދަލު ގެނެސް، ލުއި ފަސޭހަގޮތަކަށް ދަބަސްތައް ބައްޓަންކުރެވޭތޯ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބަލަމުންދޭ. އަދި އަމިއްލަ ބާރު ނުފޯރުވޭ ކަންކަމުން ދިމާވާ ލަސްތައް؛ އެއީ ފްލައިޓު ލަސްވެގެންވިޔަސް ނުވަތަ ބަސްދަތުރު ލަސްވެގެން ވިޔަސް؛ އެފަދަ ހާދިސާތަކުގައި ކައިބޮއިހެދުމަށް އަމިއްލަ ފައިސާއިން ޚަރަދުތަކެއް ގޮސް، ބައެއް ޙާޖީންނަކީ އެފަދަ މާލީ ތަނަވަސްކަން ނުހުންނަ ފަރާތްތަކަށްވެ، ދިމާވާ ދަތިއުދަނގޫތަކުން ސަލާމަތްކުރުމަށް، ޙައްޖުވެރިންނަށް ޚާއްސަ ކާނާ ޕެކޭޖެއް ތަޢާރަފުކޮށް ދަތުރުމަތީ ދެވޭ. އާއްމުކޮށް ޙައްޖު ދަތުރުތަކުގައި ފައިސާ އަދި އަގުބޮޑުތަކެތި ގެއްލި ދިމާވާ ކުއްލި ހިތާމަވެރި ހާދިސާތަކާއި އަދި ކާރިސާތަކުން ރައްޔިތުން ސަލާމަތްކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިސްނަގައިގެން އަޔާދީ ތަކާފުލާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ޙައްޖު އަދި ޢުމްރާ ތަކާފުލް ތަޢާރަފުކުރެވުނު. އަދި މިއަދާ ހަމައަށް ވެސް މިނިޒާމު ހަރުދަނާކަމާއެކު ވަނީ ދެމިގެން އައިސްފަ.
ޙައްޖުވެރިންގެ ވެލްފެއަރއަށްޓަކައި ޙައްޖު ކޯޕަރޭޝްނުން ޚިދުމަތްތައް ދިނުމުގެ މިންގަނޑުތައް އެކުލަވައިލުން ވެގެން ދިޔައީ ޕްރައިވެޓު ކުންފުނިތަކުން ދޭ ޚިދުމަތްތައްވެސް ހަރުދަނާ ކުރަން މަޖުބޫރުވި ކަމަކަށް. ޝަރީޢާ ގަވަރނެންސްގެ ނިޒާމު ކުންފުނީގައި ޤާއިމުކުރުމަށްޓަކައި ވަނީ، ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވައިލައި، އަޅުކަމާއި ގުޅޭ ކަންކަމުގައި ދިމާވާ ޝަރީޢާ މައްސަލަތަކުގައި ރަޢުޔު ހޯދޭނެ ނިޒާމެއް އެކަށައަޅައިފައި.
ކޮންމެ އަހަރަކުވެސް ޙައްޖަށް ދާން ކަނޑައަޅާފައިވާ ފަރާތްތަކުގެ ޙައްޖު އަގަށް ދެއްކި ފައިސާ ޙައްޖު މޫސުމުގައި އެ ފައިސާ ޙައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހޭދަކުރެވޭ.
ޢިއްޒަތްތެރި ރައީސް!
ޢިއްޒަތްތެރި މެންބަރުން!
ޙައްޖު ފަންޑަށް ފައިސާ އިތުރުކުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާ އެކު ވަނީ މުވައްޒަފުން ޙައްޖަށް ދިއުމުގެ ލުއިފަސޭހަގޮތް ހަމަޖެއްސުމަށް އެމްއޯޔޫތަކުގައި ސޮއި ކުރަން ފެށިފައި.
އިސްލާމިކް ފަންޑު މެނޭޖުމަންޓު އުޞޫލުތަކުގައި ހިފަހައްޓައި ޞުކޫކް އަދި އެހެނިހެން ޕްރައިވެޓް އިންވެސްޓުމަންޓު ޕްރޮޑަކްޓުތަކުގައި ފައިދާ ލިބޭ ގޮތަށް ޙައްޖު ފަންޑު މެނޭޖުކޮށް، ސަޢޫދީގައި ބޭނުންކުރާނެ އަމިއްލަ ބަސްތައް ގަނެ، މައްކާގެ މާތް ބިމުގައި ދިވެހިންނަށް ޚާއްސަ ހޮޓަލެއް ހަދައި ދިވެހިންގެ ޙައްޖު ފަންޑު ދެމެހެއްޓެނިވިގޮތަކަށް ތަރައްޤީކުރުމަކީ ސަރުކާރުގެ ތަޞައްވުރެއް!
ޢިއްޒަތްތެރި ރައީސް!
އިއްޒަތްތެރި މެންބަރުން!
ކޮންމެ އަހަރަކު ވެސް ކިއުގެ ތަރުތީބުން ހައްޖަށް މީހުން ގެންދިއުމަކީ ކޯޕަރޭޝަނުން ކުރަމުންދާ ކަމެއް. ކިއުއަށް އެއްވެސް ބަދަލެއް ގެނައުމަކީ ކުރާ ކަމެއްނޫން. ބައެއް ފަހަރު، ހައްޖު ގާތް ވެފައިވަނިކޮށް އެއަހަރެއްގައި ހައްޖަށް ދިއުމަށް ކޯޓާ ލިބޭ މީހާ ކޯޓާ ދޫކޮށްލާ. މިގޮތުން ވަކި ސަބަބެއް ނެތި ކޯޓާ ދޫކޮށްލާ މީހުން ވެސް އުޅޭ.
ސަރުކާރުން ވަކި ޢާއިލާތަކެއް ފޮނުވަން ކޯޓާ ނަގާ ވާހައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް. ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގައި ދައުލަތުން ރިޒާވްކުރާ ކޯޓާ ތަކެއް ހުރޭ. އެއީ ސަރުކާރުގެ މުއައްސަސާތަކުގެ ބޭނުމަށާއި، އުޒުރުވެރިންނާއި ޚާއްޞަ ޙާލަތްތަށް ދިމާވާ ފަރާތްތަކުގެ ބޭނުމަށް. ނުވަތަ ބަލި މީހުންގެ އެހީތެރިންނަށް. މިގޮތުން ރިޒާވް ކުރެވޭ ކޯޓާ އެފަރާތަށް ޙަވާލުކުރަނީ އޮންނަ ޤަވާޢިދާ އުޞޫލުތަކުގެ ތެރެއިންކަމުގައި ދަންނަވަން. ނުޙައްޤުން އެއްވެސް މީހަކަށް ހައްޖު ކޯޓާ ނުދޭ ކަމުގެ ފުރިހަމަ ޔަޤީންކަން މިޢިއްޒަތްތެރި މަޖީލަށް ކަށަވަރުކޮށްދެން.
ޢިއްޒަތްތެރި ރައީސް!
ޢިއްޒަތްތެރި މެންބަރުން!