ޙައްޖު ކޯޕޮރޭޝަނުން މީހުން ޙައްޖަށް ގެންދިއުމުގަ ޢަމަލުކުރާ އުޞޫލުތަކާ ކުރިއަށް ރޭވިފައިހުރި ޚިދުމަތްތަކުގެ ތަފްޞީލް ވަޒީރު ޑރ. ޝަހީމް ހާމަކުރައްވައިފި ‍-3

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 26ސ
ޙައްޖު ކޯޕޮރޭޝަނުން މީހުން ޙައްޖަށް ގެންދިއުމުގަ ޢަމަލުކުރާ އުޞޫލުތަކާ ކުރިއަށް ރޭވިފައިހުރި ޚިދުމަތްތަކުގެ ތަފްޞީލް ވަޒީރު ޑރ. ޝަހީމް ހާމަކުރައްވައިފި ‍-3

އިންސާފުވެރިކަމާއެކު ކޯޓާގެ ކަންކަން ތަރުތީބު ކުރުމަށްޓަކައި ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައިވަނީ އުޞޫލުތަކެއް ކަނޑައަޅުއްވާފައި. މިގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލުގައި އަންނަނިވި ކަންކަން ހިމެނޭ

1-             އަލަށް ހައްޖަށް ދާ ފަރާތްތަކަށް އިސްކަން ދިނުން.

2-             ކޮންމެ 5 އަހަރަކުން ނޫނީ ތަކުރާރުކޮށް ކޯޓާ ނުދިނުން.

3-             އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކު ކަނޑައެޅުން

4-             ހައްޖުގެ ޢާމިލުންނާއި ޚިދުމަތްތެރީންނާއި ޞިއްޙީ މާހިރުން މިކަންކަމުން އިސްތިސްނާވުން.

 

މި ބަދަލުތައް ރައީސުލްޖުމުހޫރިއްޔާ ގެންނަވާފައިވަނީ އިސްލާމީ ދުނިޔޭގައި މިކަމުގައި އަމަލު ކުރަމުންދާ ގޮތްތައް ބައްލަވައި ދިރާސާކުރުމަށް ފަހު، 5 ޖެނުއަރީ 2025 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖްލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަން ދަންނަވަން. މި ކަންކަން ތަންފީޒުވެގެންދާނީ 1447 ވަނަ އަހަރުގެ ޙައްޖުގައި.

 

މި ބަދަލުގެ ސަބަބުން ކިއު ތަރުތީބު ކުރުމުގައި އުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ހައްޖަށް ދާ މީހުންނަށް އަބަދުވެސް އިސްކަމެއް ދެވެމުންދާނެކަން ދަންނަވަން.

 

ޢިއްޒަތްތެރި ރައީސް!

ޢިއްޒަތްތެރި މެންބަރުން!

 

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން އަންނަ ރަސްމީ ކޯޓާގެ ޢަދަދަކީ 1000 . އަދި ޙައްޖަށް ދިއުމަށް ޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދައްކައި އެ ކުންފުނީގެ ޙައްޖު ކިޔުގައި ވެއިޓްލިސްޓްކުރާ މީހުންގެ ޢަދަދު އަހަރަކަށް ވުރެ އަހަރަކު ދަނީ އިތުރު ވަމުންނެވެ.

 

ޢިއްޒަތްތެރި ރައީސް!

ޢިއްޒަތްތެރި މެންބަރުން!

 

މުޅި ދުނިޔެއަށް ކުރިމަތިވި ޢާލަމީ ވަބާއެއް ކަމުގައިވާ ކޮވިޑު 19 ބަލިމަޑުކަމުގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އެއްވެސް ޤައުމަކަށް  ލިބިފައެއް ނުވޭ. އަދި 2022 ވަނަ އަހަރު ޙައްޖަށް ދިއުމުގެ ފުރުޞަތު ޤައުމުތަކަށް ލިބުނީ މަދުން. މިގޮތުން ރާއްޖެއަށް އެ އަހަރު މުޅި ޖުމުލަ ލިބިފަިއވަނީ ވަނީ 483 މީހުންނަށް. އެއީ މިދެންނެވި ވަބާގެ ސަބަބުން. މިގޮތުން ކޮވިޑްގެ ވަބާއާ ގުޅިގެން އެ 3 އަހަރުުގެ ތެރޭގައި ގާތްގަނޑަކަށް 3000 ވަރަކަށް މީހުންނަށް ހައްޖަށް ނުދެވި ދިޔަ. މީގެ ސަބަބުން ޙައްޖު ކިޔުގައި ތިބިމީހުންގެ ޢަދަދު ވަނީ އިތުރުވެފައި. މިގޮތަށް ކިއު ދިގުކަމަށް މި ދައްކަނީ ފައިސާ ދެއްކޭނެ ނިޒާމު ޤާއިމު ވެފައި އޮތީމަ. ދުރާލާ އެކަމަށް ބަޔަކު ތައްޔާރުވުމަށް އެކި އުމުރު ފުރާތަކުން ފައިސާ ދައްކަމުންދާތީކަން ފާހަގަކުރަން.

 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ޙައްޖު ކިޔު އަށް ބަލާއިރު ކޮންމެ އަހަރެއްގައިވެސް އެ އަހަރަކު ޙައްޖަށް ދެވޭނެކަމަށް ލިސްޓުކުރެވިފައިވަނީ 800 އާއި 900 އާ ދެމެދުގެ ޢަދަދެއް. މީގެ އިތުރުން އެ އަހަރެއްގެ ޙައްޖު ކޯޓާގެ ތެރެއިން ފުރުޞަތު ދެވެނީ ޙައްޖުވެރީންނަށް އެހީތެރިވުމަށް ކުންފުނީގެ ފަރާތުން ގެންދާ އެހީތެރީންނާއި ޢުމުރުން ދުވަސްވީ ޙައްޖުވެރިންނަށް އެހީތެރިވުމަށް އެމީހުންނާއެކު ޙައްޖަށްދާ އެމީހުންގެ އެހީތެރިން.

 

މިގޮތުން ބަލާއިރު ޙައްޖު ކިޔު ތަރުތީބުން 1446 ވަނަ އަހަރު ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށްފައިވާ 850 ޙައްޖުވެރިންނަށް، 1446 ވަނަ އަހަރުގެ ހައްޖު ކިއުގެ ތެރެއިން ޙައްޖަށް ދިއުމުގެ ފުރުޞަތު ދެވުނު. އަދި ޢުމުރުން 75 އަހަރުން މަތީގެ ފަރާތްތަކަކީ އެކަނިއުޅެން އުނދަގޫ ވާނެ ފަރާތްތަކަށްވާތީ، އެފަރާތްތަކަށް އެހީތެރިއަކާއި ނުލައި ދަތުރު ނުކުރެވޭނެ ކަމަށް ޙައްޖު ކޯޕަރޭޝަންގެ "ޙައްޖު އަދި ޢުމްރާގެ ޚިދުމަތް ދިނުމާބެހޭ އުޞޫލު" ގައި ބަޔާންކޮށްފައިވާތީ، ކިޔު އިން ފުރުސަތު ލިބުނު 75 އަހަރުން މަތީގެ 44 ފަރާތަށް އެހީތެރިން ގެންދިއުމުގެ ފުރުޞަތު ދިނުމަށް ނިންމި.

 

ވީމާ 1446 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ލިބުނު 1000 ކޯޓާގެ ތެރެއިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކިޔު އިން 1446ވަނަ އަހަރު 850 މީހުނަށް ފުރުސަތު ދެވިފައިވޭ. އަދި 50 ޖާގަ ޚާއްޞަކޮށްފައިވާނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ފަޤީރުންގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ގެންދިޔަ މީހުންނަށް ކަމުގައި ދަންނަވަން. އަދި ބާކީ 100 ޖާގަ ދޫކޮށްފައިވާނީ ބަލި މީހުންގެ އެހީތެރިންނަށާއި ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، އަދި އަވަސް ފުރުޞަތެއްގައި ޖާގަ ނުލިބިއްޖެނަމަ އެމީހުންގެ ޢުމުރުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ އުއްމީދު ކުޑަވުމުގެ ސަބަބުން ފުރުޞަތު އަވަސްކޮށްދިނުމަށް އެދިފައިވާ ފަރާތްތަކާއި މި ފަދަ ޚާއްޞަ ޙާލަތުގައިވާ މީހުންނަށް.

 

ޢިއްޒަތްތެރި ރައީސް!

ޢިއްޒަތްތެރި މެންބަރުން!

 

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް މިދާއިރާއިން ދަނީ އިންޤިލާބީ ބަދަލުތަކެއް ގެންނަމުން. މިގޮތުން ރާއްޖޭގެ ރައްޔިތުންނަށް މައްކާ ރޫޓް ތަޢާރަފްކުރެވި، ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުން ޖިއްދާ އެއާޕޯޓްގެ އެރައިވަލްގައި މަޑު ކުރަން ނުޖެހި ހޮޓަލަށް ދެވޭނޭ އިންތިޒާމްވަނީ ހަމަޖެހިފަ.

ޙައްޖުގެ ޚިދުމަތުުގައި ފަހި ފުރުޞަތުތައް ހަމަޖެހިގެން މިދަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުޢޫދާއި، ވަލީ އަހުދު މުޙައްމަދު ބުން ސަލްމާން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ލޮބުވެތި ރައްޔިތުންނާ ރާއްޖެއާ މެދު ބަހައްޓަވަމުން ގެންދަވާ ގާތްކަމުގެ ސަބަބުން ކަން ފާހަގަކޮށް،  ރަސްގެފާނާއި ވަލީ އަހުދަށް ޝުކުރު ދަންނަވަން.

 

ޢިއްޒަތްތެރި ރައީސް!

ޢިއްޒަތްތެރި މެންބަރުން.

 

އިސްވެ ދެންނެވުނު ކަންކަމުގެ އިތުރަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމީ ކަންކަތައްތައް ކުރިއަރުވާ ވަޤުފު ފަންޑުން މިއަހަރު ބިނާކުރަން ފަށާ އައުޤާފު ބިލްޑިނގތައް ނިމުމުން، އެތަންތަނުން ލިބޭ ނަފާގެ ވަކި އިންސައްތައެއް ދިވެހި ރައްޔިތުންގެ ހައްޖުގެ ޚިދުމަތަށް ވަޤުފުކުރުމަށް ފަންޑުގެ ފަރާތުން ދަނީ މަޝްވަރާ ކުރަމުން. މިގޮތަށް މިކަން ފުރިހަމަ ވެގެން ހިގައްޖެ ނަމަ، ހައްޖަށް ދިއުމަށް ރައްޔިތު މީހާ ދައްކާ އަދަދުގެ މިންވަރެއް މަދުވެގެންދާނެ. އާދެ! އަގު ހެޔޮވެގެންދާނެ. އައުޤާފާއި ހައްޖުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި އިސްވެ ދެންނެވި ކަންކަމަކަށް ރިޢާޔަތްކޮށް އެހެނިހެން އިސްލާމީ ޤައުމުތަކުގައި ވެސް ޢަމަލު ކުރާގޮތައް ރާއްޖޭގައި އައުޤާފުގެ ޤާނޫނަކާއި ހައްޖާއި ޢުމްރާގެ އިންތިޒާމުތަކާއި ޙައްޖު ފަންޑު މެނޭޖްކުރުމާ ގުޅޭ ޤާނޫނެއް ވުޖޫދުވުމަކީ މުހިންމުކަމެއް ކަމުގައި ދެކެން.

 

ޢިއްޒަތްތެރި ރައީސް!

ޢިއްޒަތްތެރި މެންބަރުން!

 

ވައިކަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ހުށަހެޅުއްވި ސުވާލަށް އެކަށީގެންވާ ޖަވާބެއް ދެވިއްޖެކަމުގައި އުންމީދު ކުރަން. ޖަވާބުދާރީވުމުގެ އިންތިޒާމު ފުރިހަމަކަމާއެކު ފަހިކުރެެއްވިކަމަށްޓަކައި ޢިއްޒަތްތެރި ރައީސަށް އަޅުގަޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން. އަޑު އެއްސެވި ކަމަށްޓަކައި އެންމެހައި ޢިއްޒަތްތެރި މެންބަރުންނަށް ވެސް ޝުކުރު ދަންނަވަން.

ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް!

ޝުކުރިއްޔާ ޢިއްޒަތްތެރި މެންބަރުން.

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހު.

މިއަދު އޮންލައިން