ސަރުކާރު ބަދަލުވުން ލަސްވިނަމަ ޤައުމުގެ އިޤްޠިޞާދާ ދައުލަތް އަރައިނުގަނެވޭނެ ވަރަށް ބަނގުރޫޓުވީސް! މެންބަރު ސަލީމް

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 46ސ
ސަރުކާރު ބަދަލުވުން ލަސްވިނަމަ ޤައުމުގެ އިޤްޠިޞާދާ ދައުލަތް އަރައިނުގަނެވޭނެ ވަރަށް ބަނގުރޫޓުވީސް! މެންބަރު ސަލީމް

އަޙްމަދު ސަލީމް:

 

އަޅުގަނޑުމެން ސަރުކާރާ ހަވާލުވީ އިރުގައި އިނގޭތޯ، ހަޤީގަތުގައި މިވެސް ރައްޔިތުންނަށް ދޭތެރެ ދޭތެރެއިން ހަނދާން ކޮށްދޭން ޖެހޭ ކަމެއް އިނގޭތޯ. ހަނދާން ކޮށްދޭން ޖެހޭ ކަމަކީ، އެއީ އަޅުގަނޑުމެން ސަރުކާރާ ހަވާލުވީ އިރުގައި ރާއްޖޭގެ ދަރަނި އޮތީ ނުބައްދަލު ހިސާބަށް މައްޗަށް ގޮއްސަ. މިސާލަކަށް ދަންނަވާނަމަ މިއަންނަ އަހަރުގެ ދަރަނި އެއް ބިލިއަން ޑޮލަރު! އެއީ މިހާރުގެ ދިވެހި ރުފިޔާގެ ރޭޓުންނަމަ 20 ބިލިޔަން ރުފިޔާ. ދައުލަތުގެ 20 ބިލިއަން ރުފިޔާ ލޯނު ދައްކާފައި، މުސާރައަށް 14 ބިލިއަން ޚަރަދު ކުރީމައި އެ ދިޔައީ 34 ބިލިއަން ރުފިޔާ. ދައުލަތުގެ އާމްދަނީއަށް ލިބޭ އާމްދަނީއަކީ ހަޤީގަތުގައި ތިރީސް ހަތަރެއް، ފަހެއް ބިލިއަނެއްހާ ރުފިޔާ. އޭގެ މާނައަކީ ހަމައެކަނި ލޯނު ދައްކާށާއި، މުވައްޒަފުންގެ މުސާރައަށް މި ދިޔައީ މުޅި ދައުލަތް ހުސްވެގެން. ދެން ތިބޭފުޅުން ވިސްނަވާ، ކޮބައިތޯ އޮފީސްތައް ހިންގުން، ކޮބައިތޯ އެހެން ކަންކަން، އިޖުތިމާއީ ކަންކަމަށް ޚަރަދުކުރުން. ދެން ތަރައްޤީގެ މަޝްރޫއުތަކަށް ކޮން ތަނަކުންތޯ ޚަރަދު ކުރާނީ.  

މި ހާލަތު އޮތް ޤައުމެއްގައި އަޅުގަނޑުމެން މަސެއްކަތް ކުރަމުން މިހާރު މިދަނީ. އެހެންމަ މީ ރައްޔިތުން ދެނެގަންނަށް ޖެހޭނެ ކަމެއް. މިހާލަތުގައިވެސް އެމަނިކުފާނު އެއްވެސް ޖެހިލުމެއް ނެތި އެ މަނިކުފާނު އެ ގެންދަވަނީ ހަމަ މަސައްކަތް ޕުޅާއިގެން ކުރިއަށް. އިރާދުކުރެއްވިއްޔާ މަސެއްކަތްތައް އެބަ ދޭ. ބައެއް މީހުން ބުނެފާނެ މަސެއްކަތްތައް ދާ އެންމެ ބާރުމިނުގައި ނުދެއޭ. އެންމެ ބާރު މިނުގަ ކިހިނެއްތޯ ގެންދާނީ އަޅުގަނޑުމެން. އެ ގެންދެވޭ ހާލަތަކު ނޫނޭ ޤައުމު އޮތިއްޔަކީ. ޤައުމު އޮތީ ހަވާލުވީ އިރުގައިވެސް ހުރިހާ ކުންފުނިތައް އޮތީ އެތައް ބިލިއަނަކުން ދަރާފަ، ދިވެހި ދައުލަތް އޮތީ އެތައް ބިލިއަނަކުން ދަރާފަ.  

އެހެންމަ އަޅުގަނޑުމެންގެ އެންމެ މާތް މާޤްޞަދަކަށް މިވަނީ މި ޤައުމު އެންމެ ފުރަތަމަ ސަލާމަތް ކުރުން. މި ޤައުމު ހިފެހެއްޓުން. އަޅުގަނޑުމެން މިއަށްވުރެ ލަސްވިނަމަ މިޤައުމު ހަލާކުވެގެން ދިޔައީސް. ޤައުމުގެ ވަކި އިޤްތިޞާދީ ހާލަތެއް ނޫން، އިޖްތިމާއީ ހާލަތެއް ނޫން. ހުރިހާ ހާލަތެއްވެސް އޮތީ ގޯސްވެފަ. ވަކި ހާލަތެއް ނޫން، ހުރިހާ ހާލަތެއް އޮތީގޯސް ވެފަ. މިއަށްވުރެ ލަސްވިނަމަ އަޅުގަނޑުމެންނަށް މި ޤައުމު އަތުނުވާ ހިސާބަށްވެސް ހިނގައްޖައީސް އިނގޭތޯ. 

އެހެންމަ އެ ހާލަތުތައް ރަނގަޅު ކުރުމަށްޓަކާ އެމަނިކުފާނު ވަރަށް ގިނަ ފިޔަވަޅުތަކެއް އިޖްތިމާއީ ގޮތުންވެސް އަދި އިޤްތިޞާދީ ގޮތުންވެސް އަދި ބައެއް ކަންތައްތައް ބައެއް މީހުން ހިތްހަމަ ނުޖެހޭ ގޮތަށްވެސް ކުރަން އެބަ ޖެހޭ. އެ ހާލަތުގައިވެސް އެ ފިޔަވަޅުތައްވެސް އަޅުއްވާ. ބައެއް ކަންތައްތައް ހުއްޓާލަންވެސް ބައެއް ޤާނޫނުތައް އަޅުގަނޑުމެން ފާސް ކޮށްފަ ހުންނާނެ. ބައެއް މީހުން ހިތްހަމައެއްވެސް ނުޖެހޭނެ.  

އެހެންނަމަވެސް އާޚިރުގައި ނުކުންނާނެ ނަތީޖާ ކޮބައިތޯ އަޅުގަނޑުމެންނަށް. އެ ނަތީޖާގެ ސަބަބުން މުޅި މުޖުތަމައު ހަލާކުވެގެން ހިނގައިދާނެ. މުޅި މުޖުތަމައު ހަލާކުވުމުގެ ކުރިން އެކަމަށް ފިޔަވަޅު އެޅުމަކީ އެކަން ކުރަން ޖެހޭނެ ކަމެއް. އެހެންވީމަ އެމަނިކުފާނު އެ ފިޔަވަޅުތައް އަޅުއްވަމުން އެ ގެންދަވަނީ އިނގޭތޯ. 

އަޅުގަނޑު ދަންނަވާލާނަން އިނގޭތޯ، ކަމެއް ފެށުމުގައި ހަޤީގަތުގައި އެންމެ ފުރަތަމަ ފެށޭނީ ހަޤީގަތުގައި މީހެއްގެ އެ މަޤްޞަދު އޮވެދާނެ ނުބައި ގޮތަކަށް އެކަން ކުރާކަށް ނޫން. ހަމަ ރަނގަޅު ނިޔަތުގައި. އެހެން ނަމަވެސް އެކަން ވެދާނެ ވަރަށް ގޯސް ކަމަކަށް. މިސާލަކަށް ބުދަށް އަޅުކަންކުރަން ފެށުނު ގޮތް އަޅުގަނޑު ދަންނަވާލާނަން އެންމެ ފުރަތަމަ. ތިބޭފުޅުން ވަރަށް ބޮޑަށް އަޑު އައްސަވާ އެނގި ވަޑައިގަންނަވަން ޖެހޭ. 

އެންމެ ފުރަތަމަ ބުދުގެ މައްސަލައަށް، އިދްރީސް ޢަލައިހިއް ސަލާމްގެ ދުވަސްވަރުގައި ވަރަށް މާތް، ވަރަށް ޢިލްމުވެރި 5 ބޭކަލަކު އުފެދުނު. ކޮންމެއަކަށް މި 5 ބޭކަލަކު އަވަހާރަ ވުމާ ގުޅިގެން މި ބޭފުޅުންގެ ނަމުގައި އެ ރަށެއްގެ ރައްޔިތުން ވެއްޖީ އެމީހުންގެ ބުދުތަކެއް ހަދަން. ކޮންމެއަކަސް އިދްރީސް އަލައިހިއް ސަލާމް އެމީހުންނަށް ތަކުރާރުކޮށް އެކަން ނުކުރުމަށް އެންގެވި. އެހެންނަމަވެސް ޝައިޠާނާގެ ވަރުގަދަ ރޭވުންތެރިކަމާ އެކީގައި އެ ބުދު ހަދާނެ ގޮތާއި، އެ ބުދު ކުރިއަށް ގެންދާނެ ގޮތާއި އެ ހުރިހާ އެއްޗެއް ހަދައިގެން އެ ބުދުތައް ކޮންމެއަކަސް ހަދައިފި. މާތް މަޤްޞަދެއްގަ ހެދީ އިނގޭތޯ. އެއީ އެމީހުންގެ ހަނދާނުގައި، އެމީހުންގެ ހަނދާން ފުހެލިޔަ ނުދިނުމަށްޓަކާ، އަބަދުވެސް އެކަން ދެމި އޮތުމަށްޓަކާ ހަޤީގަތުގަ އެމަސެއްކަތް ފެށީ. ނުބައި މަޤްޞަދެއްގައެއްވެސް ނޫން. އެއަށް އަޅުކަން ކުރާކަށްވެސް ނޫން. އެހެން ނަމަވެސް އެންމެ ފުރަތަމަ އެ ބެހެއްޓުނީ ވަރަށް ދުރު ހިސާބުގަ، ނާދީތަކުގަ. ދެން އެތަންތަނަށް އެކި ފަހަރު މަތިން ގޮސް ދެން ފަހުން ޝައިޠާނާ އަނެއްކަ، ތަންކޮޅެއް ކައިރިއަށް އެ ބުދުތައް ގެނެއްސި. އެންމެފަހުން ގޮސް ގޭގެއަށްވެސް އެ ބުދުތައް ގެންނަ ހިސާބަށް ދިޔައީ. ގެނެސްގެން ބުދަށް އެންމެފަހުން އަޅުކަން ކުރަން ފެށިގެން ދިޔައީ.  

އޭރު އިދްރީސް ޢަލައިހިއް ސަލާމްވެސް އަވަހާރަވެއްޖެ. މިހާ ހިސާބުން ގޮސް އެންމެ ފަހުން ނޫހް ޢަލައިހިއް ސަލާމް ރަސޫލު ކަމާއިގެން ފޮނުވުނު އިރުގައި މިއޮތީ މުޅި ދުނިޔޭގައި ބުދަށް އަޅުކަން ކުރަން ފެށިފަ. މުޅި ދުނިޔޭގަ. އާޚިރު ނަތީޖާއަކީ ކޮބައިތޯ ނިމުނު އިރުގައި. ނިމުނު އިރުގައި ނޫޙު ޢަލައިހިއް ސަލާމް 950 އަހަރު ރަސޫލުކަން ކުރެއްވި. އެ ކުރއްވި އިރުގައި އެކަލޭގެފާނަށް ޢީމާންވި މީހުންތަކުގެ ތެރޭގައި ބައެއް ރިވާއަތްތަކުގައި 40 ކަމަށް އަނެއްބައ ރިވާއަތްތަކުގައި 80 ކަމަށް، އަދި އެއްބައި ރިވާޔަތުގައި އެބަހުރި 8 ކަމަށްވެސް.  

ތިބޭފުޅުން ނިކަން ވިސްނަވާ 950 އަހަރުގެ ތެރޭގައި މިހާ މަދު މީސްކޮޅެއް ޢީމާންވީ ކީއްވެގެންތޯ؟ މީ އުފެދޭނެ ސުވާލެއް. މިސާލަކަށް ބައެއް ބޭފުޅުން ވިދާޅުވެދާނެ ކީއްވެގެންހޭ 5 އަހަރުގެ ތެރޭގަ މިހިރަ މަސެއްކަތް، އެހެރަ މަސެއްކަތް ނުކުރެވުނީ. ނުކުރެވުނީ ކީއްވެގެންތޯ؟ ޤައުމުގެ ހާލަތު އައިސް އޮތީ ކޮން ހިސާބެއްގަތޯ؟ އެ ޒަމާނުގައި ޖާހިލިއްޔަ ޒަމާނައްވުރެ މަތީގައޭ އިނގޭތޯ މިޤައުމުގެ ހާލަތު އޮތީ އައިސް. މިއަށްވުރެ މައްޗަށް ދިޔަނަމަ އަޅުގަނޑުމެންގެ ހާލަތު އަތުނުވާ ހިސާބަށް ދިޔައީސް. އެހެންމަ ކިހިނެއްތޯ؟ އެންމެ ފަހުން ނޫހް ޢަލައިހިއް ސަލާމް ދުޢާ ކުރެއްވީ " ޢީމާންވެފަ ތިބި މީސްކޮޅު ފިޔަވާ އެންމެން ނެތިކުރައްވާންދޭވެ." ކޮންމެއަކަސް އެއައި ތޫފާނުގަ އެންމެން ނެތިގެން ދިޔައީ. 

ނަސީބަކުން އަޅުގަނޑުމެން އެ ހާލަތަކަށް އަދި ނުދަނިކޮށް އަޅުގަނޑުމެންގެ ވެރިކަން ބަދަލު ވެއްޖެ. އެހެންމަ އެ ބަދަލުވުމާ އެކީގަ އިރާދުކުރެއްވިއްޔާ މާތް ﷲ ގެ ރަޙްމަތް ފުޅާ އެކީގައި އަޅުގަނޑުމެން، ތިބޭފުޅުން ބައްލަވާ ނޫޙު ސޫރަތުގެ 23 ވަނަ އާޔަތުގައި އެ ބުދުތަކުގެ ނަން ހުންނާނެ. ތިބޭފުޅުން ބަލައިލީމާ އެނގިވަޑައިގަންނަވާނެ.  

އެހެންމަ މިހިރަ ކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ ދިރާސާކޮށް، ވިސްނާ ފިކުރުކޮށް، ކަންކަން މި ފެށިގެން ފުރަތަމަ އަންނަ ގޮތާއި، ދެން އެ ބޮޑުވެގެންދާ މިންގަނޑާއި. އެއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާ ކުރިއަށް ފިޔަވަޅުތައް އަޅަން ޖެހެނީ އެހެންވެގެން އިނގޭތޯ. އެހެން ނޫނިއްޔާ މިވާހަކަތައް އަޅުގަނޑުމެން މި ހަނދާން ކޮށްދޭން ޖެހޭ ސަބަބަކީވެސް، އަޅުގަނޑުމެން މުސްލިމުންނަކީ، އަޅުގަނޑުމެން މުއުމިނުންނަކީ ނިކަން އަވަހަށް ކަންކަން ހަނދާންވެސް ނެތޭ ބައެއް. އެހެންވީމާ ކީރިތި ޢުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައި ވަނީ " މުޢުމިނުންނަށް ހަނދާން ކޮށްދިނުމަކީ އެއީ މުޢުމިނުންނަށް އެކަމުން ރަނގަޅު ލިބޭނެ ކަންތައްތްކަކަށް" 

އެހެންވީމާ އަޅުގަނޑުމެން އަބަދުވެސް ކަންކަން ހަނދާން ކޮށްދޭން ޖެހޭނެ. އަބަދުވެސް އެއްގޮތަކަށްވެސް އަޅުގަނޑުމެން ހީކޮށްގެން ނުވާނެ އަޅުގަނޑުމެން އެއްދުވަހު ވާހަކައެއް ދައްކާލާފަ ދެން އެ ނިމުނީއެކޭ. މި އަބަދުވެސް އަޅުގަނޑުމެން ކަންކަން އާކޮށް އެވާހަކަތައް ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ. އަދި ޤައުމުގެ ހާލަތު އޮތްގޮތްވެސް، ދެން ހުރި ކަންތައްތައްވެސް ދެން ހުރިހާ ކަމެއް. އެ އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރޭ. އެހެން ނޫނިއްޔާ އަބަދުވެސް މި ޤައުމު ހަލާކުކޮށްލި މީހުން ދުވަސްކޮޅަކުން އެމީހުން ނެއްޓިގެން ދާނެ. މިއަދު އަޅުގަނޑުމެން މިއޮތީ ހަމަ ގާތްގަނޑަކަށް އެ ހާލަތަށް އައިއްސަ. އަޅުގަނޑުމެންނަށް ހަޤީގަތުގައި ކިޔައިދެވެންވާ ވަރަކަށް އަޅުގަނޑުމެންނަކަށް ރައްޔިތުންނަކަށް އެ ވާހަކަތަކެއް ކިޔައެއް ނުދެވޭނެ އިނގޭތޯ. އެ ކިޔައި ނުދެވެނީ ކީއްވެގެންތޯ؟ އެ ކިޔައިދެވެން ޖެހޭނެ. އެ ކިޔައި ނުދެވޭ ކަމަށް ވަންޏާ ނިކަން އަވަހަށް ހަނދާން ނެތި، އެ އަނެއް ބައެއްގެ ބޮލަށް އައިސް ޖެހި، އެކަން ކުރީ އަނެއް ބައެއް ކަމަށް، ރައްޔިތުންގެ ތެރޭގައި ހިމެނިގެން ދާނެ އިނގޭތޯ. 

އަޅުގަނޑުގެ ވާހަކަ އެބަހުރި ވަރަށް ދިގުކޮށް ދައްކަން . އެހެން ނަމަވެސް އަޅުގަނޑު މިހާހިސާބުން ވާހަކަ ކުރު ކޮށްލާނަން. މިރޭ އަޅުގަނޑުމެންގެ މެޗެއްވެސް އެބައޮތް އިނގޭތޯ. އެ މެޗު އޮތުމާ އެކީގައި އަޅުގަނޑު މިހާ ހިސާބުން ވާހަކަ ކުރުކޮށްލާނީ. އަދިވެސް ރައީސުލް ޖުމްހޫރިއްޔާ އަޅުގަނޑުމެންގެ މި އޭދަފުށްޓާ ދޭތެރޭގަ ތި ބަހައްޓަވާ ގާތް ކަމަށްޓަކާ އަޅުގަނޑު ހަމަ ފަށްފަށުން މަނިކުފާނަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން.

(އަރަބި)

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު

 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާއި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ދެއްކެވި ވާހަކަފުޅުން.

 

މިއަދު އޮންލައިން