މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު އަދި ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށްވާއިރު، މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.
ފުލުހުންގެ މަރުކަޒު ގާއިމްކުރުމުން ގޮއިދޫގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން އެ ސަރަހައްދުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.