ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ވާރކިންގ ގްރޫޕް މީޓިންގ މިއަދު ރާއްޖޭގައި ފަށައިފިއެވެ.
މި އޯގަސްޓް މަހުގެ 12-14 އަށް ރާއްޖޭގައި ބޭއްވޭ މި ޖަލްސާ ކުރިއަށްދަނީ ކ. މާފުށީގައި ހުންނަ ކާނި ޕާމްބީޗް ގައެވެ. އޭޝިއާ ޕެސިފިކް ޓެލެކޮމިއުނިޓީ އާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ މި ޖަލްސާ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލަންޑް ސިކިއުރިޓީ އެންޑް ޓެކްކޮލޮޖީ ޑރ. މުޙައްމަދު ކިނާނަތެވެ.
މި ޖަލްސާގައި ދެކުނު އޭޝިއާ ސަރަހައްދުގެ 8 ޤައުމަކުން 30 ވަރަކަށް މަންދޫބުން ބައިވެރިވެ ވަޑައިގަނެއެވެ. މިގޮތުން، ރާއްޖޭގެ އިތުރުން، އިންޑއާ، ބަނގްލަދޭޝް، އީރާން، ބޫޓާން، ނޭޕާލް، ޕާކިސްތާނު އަދި ސްރީލަންކާ އިން ޖަލްސާގައި ބައިވެރިވެއެވެ.
ސައުތު އޭޝިއާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލްގެ ޖަލްސާގައި ގައި މަޝްވަރާކުރާނީ ސައުތު އޭޝިއާގެ ޤައުމުގުތަކުގައި ޓެލެކޮމިއުނިކޭޝަންގެ އައު ޚިދުމަތްތަކާއި ވަޞީލަތްތައް ކުރިއެރުވުމާއި، ޒަމާނީ އައު ޓެކެނޮލޮޖީތައް އެންމެއެދެވޭގޮތުގައި ބޭނުންހިފުމާއި ބެހޭގޮތުންނެވެ. މި ޖަލްސާގައި ބައިވެރިވަނީ ސައުތު އޭޝިއާގެ ޓެލެކޮމް ރެގިއުލޭޓަރީ ދާއިރާގެ އެކްސްޕަރޓުންނެވެ.