އިންސާފުވެރިކަމާއެކު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ރައީސް ޑރ. މުޢިއްޒުގެ ރިޔާސަތުގައި އުސޫލުތަކެއް ވަނީ ކަނޑައަޅުއްވާފައި: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އިންސާފުވެރިކަމާއެކު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ރައީސް ޑރ. މުޢިއްޒުގެ ރިޔާސަތުގައި އުސޫލުތަކެއް ވަނީ ކަނޑައަޅުއްވާފައި: ވަޒީރު

އިންސާފުވެރިކަމާއެކު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސަތުގައި ވަނީ އުސޫލުތައް ކަނޑައަޅުއްވާފައިކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެ ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ، މިގޮތުން ޙައްޖު ކޯޓާގެ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް އަލަށް ކަނޑައަޅުއްވާފައިވާ އުޞޫލުގައި އަލަށް ހައްޖަށް ދާ ފަރާތްތަކަށް އިސްކަން ދިނުމަށް ހިމެނިފައިވާނެކަމަށާއި ކޮންމެ 5 އަހަރަކުން ނޫނީ ތަކުރާރުކޮށް ކޯޓާ ނުދިނުމަށްވެސް އުސޫލުގައި ކަނޑައެޅިފައިވާނެކަމަށެވެ. އަދި އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކު ކަނޑައެޅުމަށް މި އުސޫލުގައި ހިމެނިފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި އުސޫލުން އިސްތިސްނާ ކުރެވިފައިވަނީ ހައްޖުގެ ޢާމިލުންނާއި ޚިދުމަތްތެރީންނާއި ޞިއްޙީ މާހިރުންކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، މި ބަދަލުތައް ރައީސުލްޖުމުހޫރިއްޔާ ގެންނަވާފައިވަނީ އިސްލާމީ ދުނިޔޭގައި މިކަމުގައި އަމަލު ކުރަމުންދާ ގޮތްތައް ބައްލަވައި ދިރާސާކުރުމަށް ފަހު، 5 ޖެނުއަރީ 2025 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖްލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށާއި މި ކަންކަން ތަންފީޒުވެގެންދާނީ 1447 ވަނަ އަހަރުގެ ޙައްޖުގައިކަމަށެވެ.

އަދި މި ބަދަލުގެ ސަބަބުން ކިއު ތަރުތީބު ކުރުމުގައި އުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ހައްޖަށް ދާ މީހުންނަށް އަބަދުވެސް އިސްކަމެއް ދެވެމުންދާނެކަމުގައި ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޙައްޖުގެ ކޯޓާއާއި ގުޅޭ ކަންކަމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ވަޒީރު ވަނީ ވަރަށް ތަފްސީލީ ޖަވާބުތަކެއް ދެއްވާފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން