ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބ. ފުޅަދުއަށް ވަޑައިގެންނެވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޑައިގެންނެވި 8 ވަނަ ރަށެވެ.
ފުޅަދުއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ރަށުގެ އެކި އުމުރުފުރާގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ފުޅަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފުޅަދޫގައި ބޭންކް އޮފް މޯލްޑިވްސްއިން ތަރައްޤީކޮށްފައިވާ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ މުހިންމު ވަސީލަތެކެވެ.
މި މަހުގެ 11 އިން 14 އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ރައީސް ވަޑައިގަންނަވާނެއެވެ. މި ރަށްތަކުގެ ތެރޭގައި ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި މާޅޮސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމާއި، ރައްޔިތުންގެ ޙާލު އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.