ބ. ފެހެންދޫގައި މިއަހަރުގެ ތެރޭގައި ހަތަރު ކުޅިވަރު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފެހެންދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހެދުމާއި، ފުޓްސަލް ދަނޑުގެ ޕިޗް އައުކުރުމާއި، ވޮލީ ކޯޓެއް އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުކުރުން ކަމަށެވެ.
"ފުލް ސައިޒުގެ ފުޓްބޯޅަދަނޑެއް ހުރިހާ ކަމެއް ފުރިހަމަވެފައިވާ ލައިޓްޖެހުމާއެކީގައި ހުރިހާ ކަމެއް ފުރިހަމަވާ ފުޓްބޯޅަ ދަނޑެއްހަދައި ދިނުމަށާއި އަދި މިރަށުގައި އެޅިފައިވާ ފުޓްސަލް ދަނޑުގެ ޕިޗް އައު ކޮށްދިނުމާއި އަދި ވޮލީކޯޓެއް އަޅައިދިނުމާއި އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުކޮށްދިނުމާއި މި ހަތަރު މަޝްރޫއު އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރު ފަށައިދޭނަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ފެހެންދޫގައި އައުޓްޑޯ ޖިމެއް އަޅުއްވައިދެއްވާނެ ކަމަށާއި، މި މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުތަކަކީ ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެހެންދޫގައި ތަންފީޒުކުރާ މަޝްރޫއުތަކެކެވެ. މި މަޝްރޫއުތައް ފުރިހަމަވުމުން ފެހެންދޫގެ ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.