ތަޢުލީމީ ވުޒާރާއިން ވަނީ އަންނަ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެ، ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުމަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.
އަންނަ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭއިރު، ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ.
ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ. 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.
މި ބަދަލު ގެނެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ގިނަ ބަޔަކު އެދުނު ގޮތަށެވެ. އެއީ 2021 ވަނަ އަހަރު ނިމިދިޔަ ސަރުކާރުން ދިރާސީ އަހަރު މިލާދީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށް، ބޮޑު ޗުއްޓީ ޖޫން/ޖުލައި މަހަށް ބަދަލުކުރުމާ ގުޅިގެންނެވެ.
އާ ކަލަންޑަރުގައި އަލަށް ސްކޫލަށް ދަރިވަރުން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުތައްވެސް ވަނީ ހިމަނާފައެވެ. މިގޮތުން އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވަނީ 12 ޖުލައިން 31 އޯގަސްޓާ ހަމައަށެވެ. އަދި ސްކޫލް ބަދަލުކުރުމަށް މެއި 17 އިން ޖޫން 15 އާ ހަމައަށް އަދި އޮކްޓޫބަރު 18 އިން ނޮވެމްބަރު 17 އާ ހަމައަށް މުއްދަތު ދެވިފައިވެއެވެ.
މީގެއިތުރުން ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.