މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކުރި ގޮތުގައި، މަގޫދޫ އެއަރޕޯޓަށް ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތް ކުރިއަށްގެންދަނީ ޖިއޯ ބޭގް ޖަހައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 3300 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް މި މަސައްކަތުގެ 36 އިންސައްތަ ވަނީ ނިމިފައިކަމަށް އެ ކުންފުނިން ބުނެއެވެ.
މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް އިތުރު 18 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ވަނީ ރޭވިފައެވެ. މިހާތަނަށް ބިން ހިއްކުމުގެ މަސައްކަތުގެ 55 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން މަގޫދޫގައި ތަރައްޤީކުރެވޭ އެއަރޕޯޓުގައި 1500 މީޓަރުގެ ރަންވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި އެއަރޕޯޓަކީ އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އައު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.