މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން މިއަހަރު އޭޓީއެމް ޤާއިމްކުރެވުނު 44 ވަނަ ރަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސް ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ވަޢުދުފުޅު ފުއްދުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ހިތާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، އެ އޭޓީއެމުން ފައިސާ ނެންގެވުމާއެކު ޚިދުމަތުގެ ފެންވަރު ބައްލަވާލެއްވިއެވެ.
އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމާ ގުޅިގެން، ހިތާދޫ ކައުންސިލުގެ ރައީސް، ޢަބްދުލް އަޒީޒް މުޙައްމަދާ ހަނދާނީ ބޭންކް ކާޑެއް ހަވާލުކުރެވުނެވެ. މި ޚިދުމަތް ފެށުމާއެކު، ހިތާދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އެތައް ރަށެއްގައި އިތުރު އޭޓީއެމްތައް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ. މިއީ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.