ފުޅަދޫ އޭޓީއެމްގެ ޚިދުމަތް ރައީސް ޑރ.މުޢިއްޒު ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފުޅަދޫ އޭޓީއެމްގެ ޚިދުމަތް ރައީސް ޑރ.މުޢިއްޒު ފަށްޓަވައިދެއްވައިފި

މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ.

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން މިއަހަރު އޭޓީއެމް ޤާއިމްކުރެވުނު 43 ވަނަ ރަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނަންގަވާފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދެއްކަން ފާހަގަކޮށްލެވެއެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ދަނީ ކުރިއަށް ގެންދަމުންނެވެ.

މި ޚިދުމަތް ފެށުމާއެކު، ފުޅަދޫގެ ރައްޔިތުންނަށް 24 ގަޑިއިރު ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ. މީގެ ކުރިން ފައިސާ ނެގުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ދަތިކަން ނިމުމަކަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ.

ބީއެމްއެލްއިން މި ޚިދުމަތް ފޯރުކޮށްދިނުމަކީ ރަށު ފެންވަރުގައި ބޭންކިންގ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު މާލީ ޚިދުމަތްތައް ލިބިގަތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން