މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫގެ ރައްޔިތުންގެ ޒަމާންވީ ކަންބޮޑުވުމަކަށް ހައްލެއް ގެނައުމުގެ ގޮތުން ކުރިއަށް ގެންދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން މިއަދު ވަނީ ފާހަގަކޮށްފައެވެ.
15.6 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިހާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެމްޓީ ހޯގާޑާއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން، ރަށުގެ ގިރާފައިވާ ސަރަހައްދުގެ ވެލިގަނޑު އިއާދަކުރުމަށް ވެލި އެޅުމުގެ މަސައްކަތާއި، 548 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.
ކިހާދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ އެރަށުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ކަންބޮޑުވަމުން އައި މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން މި މަޝްރޫޢު އެމްޓީ ހޯގާޑާއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.
މި މަޝްރޫޢު ނިމުމާއެކު، ކިހާދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ރައްޔިތުންނަށް އުފާވެރި ދުވަސްވަރެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ.