ބ.ކިހާދޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ.
މާޅޮސްމަޑުލު ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިހާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި މި ޚިދުމަތް ފެށުމާ ގުޅިގެން ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ޙަވާލުކުރައްވާފައިވެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާއިރު، މި މަޝްރޫޢުގެ ދަށުން ގިނަ ރަށްތަކެއްގައި މިހާރުވަނީ އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިފައެވެ.
ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވުމުން، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބި، ފައިސާ ނެގުމަށް ރަށުން ބޭރަށް ދަތުރުކުރަން ޖެހުމުގެ ދަތިކަން ޙައްލުވެގެންދާނެއެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.