އޭޓީއެމް ޤާއިމްކުރުމަށް ފަށާފައިވާ މަޝްރޫޢާއެކު ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ފައިސާގެ އަދަދު ވަނީ އިތުރުވެފަ: ސީއީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
އޭޓީއެމް ޤާއިމްކުރުމަށް ފަށާފައިވާ މަޝްރޫޢާއެކު ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ފައިސާގެ އަދަދު ވަނީ އިތުރުވެފަ: ސީއީއޯ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢާއެކު ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ފައިސާގެ އަދަދު އިތުރުވެފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސީއީއޯ ޝަރީފް ވިދާޅުވީ، މިއީ ވަރަށް މުހިންމު އަދި ވަރަށް ބޮޑު މަޝްރޫޢެއް ކަމަށެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ޤާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އާބާދީއަށް ބެލުމެއްނެތި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިން ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ، އެމަޝްރޫޢު ހިންގެވުމަށް ބީއެމްއެލްއަށް އިރުޝާދު ދެއްވާފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން މިއަހަރު ތެރޭގައި އިތުރު 103 ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ބީއެމްއެލްއިން ކުރިއަށް ގެންދާކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެވެ. އަދި މިއީ ހަމައެކަނި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢެއް ނޫންކަމަށާއި، މި މަޝްރޫޢާއެކު ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ހޯދުމަށް ބޮޑު އަގު ދިނުމަށްފަހު އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ ޖެހުމަށް ނިމުމެއް އަންނާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ބޭންކިންގ ޚިދުމަތް ލިބި، އިޤްތިޞާދީ ހަރަކާތްތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން