ބ. ދޮންފަނުގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމުން ކަމަށްވާތީ، އެކަމަށް ޙާއްސަ އިސްކަމެއްދެއްވައިގެން ކުރިއަށްގެންގޮސް ނިންމައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދޮންފަނު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ދޮންފަނުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުތަކަކީ ރައްޔިތުންނަށް އުންމީދުތަކެއް ހޯދައިދިނުމަށް ވެވަޑައިގެންނެވި ވަޢުދުތަކެއް ކަމަށެވެ. އަދި މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ވަޢުދުތައް ފުރިހަމައަށް ފުއްދުމަށް ކަމަށާއި، ގިނަ ކަންކަން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމަށް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ބަނދަރު ނެރު ބަދަލުކުރުމާއި، މޫދަށްއެރޭ ސަރަހައްދު ތަރައްޤީކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢު ހިމެނޭ ކަމަށާއި، މި މަސައްކަތްތައް މިއަހަރު ތެރޭގައި ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ބިން އިތުރުކުރެވި، ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ދޮންފަނު ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަލްޓިޕާޕަސް ހޯލާއި، ސައިންސް ލެބު އަދި ލައިބްރަރީ އިމާރާތްކުރުމުގެ މަޝްރޫޢު ފެށުމަށް ވަނީ އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެންސާއި ލައިޓާ އެކު ފުރިހަމަކޮށްދެއްވާނެ ކަމަށާއި، ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭނެ ދަނޑެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ހުރިހާ ވަސީލަތްތަކާއެކު އިމާރާތެއް އެޅުމުގެ މަސައްކަތް މިއަހަރު ފަށްޓަވާނެ ކަމަށާއި، އިންސާނީ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. "ނަތީޖާއަކަށްވާނީ ސިއްޙީ ޚިދުމަތުގައި ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވުން" ކަމަށް ރައީސް ވިދާޅުވިއެވެ.