ގޮއިދޫގެ އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ގޮއިދޫގެ އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫގައި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މިއީ ރާއްޖޭގައި ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މި ޚިދުމަތް ޤާއިމްކުރެވުނު 46 ވަނަ ރަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދެކެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ފަށާފައެވެ.

މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ. އަދި ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.

މި ޚިދުމަތް ފެށުމާއެކު، ގޮއިދޫގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މީގެ ކުރިން ފައިސާ ނެގުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ދަތިކަން ނިމުމަކަށް އަންނާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ ރޭވިފައިވާ ގޮތުގެ މަތިންނެވެ.

މިއަދު އޮންލައިން