ފުވައްމުލަކު ސިޓީގެ ބަނދަރުން މަސް ގަތުމުގެ މަސައްކަތް މިފްކޯއިން މިމަހު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ފުވައްމުލަކު ސިޓީގެ ބަނދަރުން މަސް ގަތުމުގެ މަސައްކަތް މިފްކޯއިން މިމަހު ފަށަނީ

ފުވައްމުލަކު ސިޓީން މަސް ގަތުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިމަހުގެ ތެރޭގައި ފުވައްމުލަކު ސިޓީގެ ބަނދަރުން މަސް ގަތުމުގެ މަސައްކަތް ފަށައި، އެ ސަރަޙައްދުން ދާއިމީކޮށް މަސް ގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު ފުވައްމުލަކުގައި ޤާއިމުކުރަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރުގެ ތެރޭގައި ހިންގަން ފެށުމަށްފަހު، އެ ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައިވާ މަސް ގަނެވޭނެ އިންތިޒާމުވެސް ހަމަޖައްސައިދޭނެއެވެ.

މިފްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، މަސްވެރިކަމުގެ ސިނާއަތާއި، މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމުގެ އަމާޒުގައި އެކުންފުނީގެ އޮޕަރޭޝަންތައް ދަނީ ފުޅާކުރަމުންނެވެ. މި ގޮތުން ފުވައްމުލަކު ސިޓީން މިމަހު މަސްގަންނަން ފެށުމަށްފަހު، އަންނަ މަހު އައްޑޫ ސިޓީން ސީދާ މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތަށްވެސް ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެއިތުރުން، އައްޑޫ ސިޓީގައި މަހަށް ވެލިޔު އެޑްކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށުމަށް ރޭވިފައިވާ ކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައެވެ. މިފްކޯގެ މި މަސައްކަތްތަކަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށާއި، މަސްވެރިންނަށް ފަސޭހަކަމާއެކު މަސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.

މިއަދު އޮންލައިން