ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކަކީ ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަތުމުގެ ވިސްނުމުގައި ގެނެސްފައިވާ އިސްލާހުތަކެއް ކަމަށް ބުނެ ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް ކައުންސިލްތަކުން ވާހަކަތައް ފަތުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބ. ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނާއެކު ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އެ ޔަޤީންކަން މުހިންމު ކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށް ވަޑައިގެން ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވަނީ އެ ބޭނުމުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ވަރަށް ފުރިހަމައަށް ޤަބޫލުކުރާ ކަމެއް ކަމަށެވެ. "ޤާނޫނަށް ގެންނަ އިޞްލާހުތަކަކީ ރައްޔިތުންނަށް ކޮށްދޭ ކަންކަމަށް ހުރަސްއެޅުންކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރޭ" ރައީސް ވިދާޅުވިއެވެ.
އިޞްލާހުތަކާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކުން އުފައްދާފައިވާ ބައެއް ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން އާންމު ފަރުދުން ހިންގާ ކުދި ވިޔަފާރިތައް ހިންގަމުންދާތީ، އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ މުއްސަނދިކަމަށް ހުރަސްއެޅޭ ކަމަށެވެ.
"ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން ކުރަންޖެހޭނީ މަދުވެގެން 10 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓުތައް. 10 މިލިޔަނަށްވުރެ ބޮޑިއްޔާ ހަމަ ކޮންމެ ދާއިރާއަކުން ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް ވިޔަފާރިކުރަންވީ. ވިޔަފާރިކޮށްގެން ހޯދާ ފައިދާއިން ރައްޔިތުންނަށް ކަންކަން ކޮށްދޭންވީ" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، އެމަނިކުފާނު މާލޭގައި ހުންނަވައިގެން ކައުންސިލްތަކާއި މުއައްސަސާތައް މާލެ ގެންދިއުމަކީ އެއްގޮތަކަށްވެސް ޤަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ. އަދި ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާގޮތަށް، ރައްޔިތުން ބާރުވެރިކުރާ ގޮތަށް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.