30 އެނދުގެ ހޮސްޕިޓަލެއް ދަރަވަންދޫގައި ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އިސް އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލުކުރުމާއި، ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތައް ފުއްދުމެވެ. މިގޮތުން، ދަރަވަންދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ދަރަވަންދޫ އަތޮޅު މަދަރުސާއަށް 8 ކްލާސްރޫމާއި، އޮފީހާއި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢަކީ ދަރަވަންދޫގެ ތަޢުލީމީ ހަޔާތް އައު ހަރުފަތަކަށް ގެންދާނެ މަސައްކަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ސިއްޙީ ދާއިރާއަށް ބަލާއިރު، ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން، އެކްސްރޭގެ ޚިދުމަތާއި އެހެނިހެން ޚިދުމަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ވަނީ ރޭވިފައެވެ.
"މިހާރު ހުރި ސިއްޙީ މަރުކަޒަށް އިތުރު އެނދުތަކާއި ވަސީލަތްތައް ހިމަނައިގެން އަންނަ އަހަރު 30 އެނދުގެ ސިއްޙީ މަރުކަޒެއް ނުވަތަ ހޮސްޕިޓަލެއް އަޅައިދޭނަން. އެއަރޕޯޓެއް އޮވެމެ، ޚާއްޞަކޮށް ޓޫރިޒަމްގެ ކަސްޓަމަރުންނާއި އެހެން ބޭނުންތަކަށް އަންނަ މީހުންނަށް މިފަދަ ފެންވަރުގެ ހޮސްޕިޓަލެއް ހުންނަން ޖެހޭ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.