ރަވަންދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އައިލެންޑު އޭވިއޭޝަނާ ހަވާލުކުރުމަށް ވަނީ ނިންމާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެރަށުގެ އެއަރޕޯޓް ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށާއި، މި މަޝްރޫޢުއަށް އިސްކަމެއް ދެއްވާކަމަށެވެ. އަދި އެއަރޕޯޓު މިހާރު ތަރައްޤީކޮށްފައިވާ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއާ މަޝްވަރާކޮށް، އައިލެންޑު އޭވިއޭޝަނާ ހަވާލުކޮށްގެން އިތުރަށް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެކަން ޤާނޫނާ ގަވާއިދާ އުސޫލާ އެއްގޮތަށް ކުރިއަށް ގެންދާނަން އެތަން ޑެވެލޮޕްކުރި ފަރާތާ މަޝްވަރާކޮށްގެން. އައިލެންޑް އޭވިއޭޝަން އޮތީ ތައްޔާރަށް އެކަންކުރުމަށް،" ރައީސް ވިދާޅުވިއެވެ.
އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުން އޭގެ ފައިދާ މުޅި އަތޮޅަށާއި، ދަރަވަންދޫއަށް އަދި ރާއްޖޭގެ އިޤްތިޞާދަށް ކުރާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢު ވީހާވެސް އަވަހަކަށް ފެށުމަށް ރާއްވަވާފައިވާކަންވެސް ރައީސް ހާމަކުރެއްވިއެވެ.
ދަރަވަންދޫ އެއަރޕޯޓަކީ މިހާރު ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިން ތަރައްޤީކޮށް ހިންގަމުންދާ އެއަރޕޯޓެކެވެ. އައިލެންޑް އޭވިއޭޝަނަކީ ރާއްޖޭގެ އެތައް އެއަރޕޯޓެއް ހިންގަމުންދާ ތަޖުރިބާކާރު ކުންފުންޏެކެވެ.