މާޅޮސްމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް ބަހައްޓައި ޚިދުމަތްދޭން ފަށައިފިއެވެ. މި ޚިދުމަތް އެ އަތޮޅުގެ ހުރިހާ ރަށެއްގައި ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
"މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" މަޝްރޫޢަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މިއަހަރު މިހާތަނަށް 47 ރަށުގައި އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށާފައިވެއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވި ގޮތުގައި މިއީ ރަށްތަކުގެ ރައްޔިތުންނަށް އަސާސީ ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ފަށާފައިވާ މަޝްރޫޢެކެވެ.
މާޅޮސްމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން 10 ރަށުގައި މި މަޝްރޫޢުގެ ދަށުން އޭޓީއެމް ވަނީ ބަހައްޓާފައެވެ. މި އޭޓީއެމްތަކަކީ 24 ގަޑިއިރު ޚިދުމަތްދޭ، އަދި ފައިސާ ޖަމާކުރުމާއި ނެގުމުގެ އިތުރުން ލޯނުތަކަށާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކޭނެ އޭޓީއެމްތަކެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އެންމެ ފުރަތަމަ އޭޓީއެމް ޚިދުމަތް ފެށީ 2000 ވަނަ އަހަރު މާލޭގައި 5 އޭޓީއެމް ބެހެއްޓުމާއެކުގައެވެ. އަދި އޮތޮޅުތަކަށް މި ޚިދުމަތް ފުޅާވެގެން ދިޔައީ 2007 ވަނަ އަހަރުގައެވެ. ނަމަވެސް އޭގެ ފަހުން މި ޚިދުމަތް ފުޅާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ބޭންކުން ފާހަގަކުރެއެވެ.
2008 އިން 2023 އާ ހަމައަށް އޭޓީއެމް ބެހެއްޓިފައި ހުރީ 67 ރަށުގައި ކަމަށް ބޭންކުން ފާހަގަކޮށްފައިވެއެވެ. އަދި "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" މަޝްރޫޢު ފެށުމުގެ ކުރިން މިދިޔަ އަހަރު ބަހައްޓާފައިވަނީ އެންމެ 9 އޭޓީއެމް ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.