މާޅޮހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ދަރަވަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މާޅޮހު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ރަސްމިއްޔާތެއް ބާއްވާފަވާއިރު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، އެމްޓީސީސީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އަދި މާޅޮހު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.
މާޅޮހުގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.
މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މިވަގުތު ޖުމްލަ 85 ރަށެއްގެ ޕޮލިސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރަމުންނެވެ.
އަތޮޅުތަކުގައި ޕޮލިސްޓޭޝަންތައް އެޅުމަށް ކުރިއަށް ގެންދާ މަޝްރޫޢަކީ 681,501,117.51 ރުފިޔާގެ މަޝްރޫޢެކެވެ.
ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްރަށުގައި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.
އެގޮތުން ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްތަކުގައިވެސް 2027ގެ ކުރިިން ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރެއްވުމަށް އަމާޒުހިފާފައިވާ ކަމަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މީގެއިތުރުން ވަޒީރު ވަނީ، ބައެއް ރަށްރަށުގައި ކުއްޔަށް ތަންތަން ހިފައިގެން ޕޮލިސް ސްޓޭޝަންތައް މިހާރުވެސް ހިންގަމުންދާ ކަމަށާއި، އެފަދަ ރަށްރަށުގައި ސަރުކާރުން ޕޮލިސް ސްޓޭޝަންތައް ތަރައްޤީކުރައްވާނީ، މިހާރު ޕޮލިސް ސްޓޭޝަންތައް ނެތް ރަށްރަށުގައި އެޚިދުމަތް ފެށްޓެވުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.
ހަބަރު: ސަރުކާޜު