ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތްވެސް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތްވެސް ފަށައިފި

ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ދަރަވަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހް އަދި ދަރަވަންދޫ ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.

މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މިވަގުތު ޖުމްލަ 85 ރަށެއްގެ ޕޮލިސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރަމުންނެވެ.

އަތޮޅުތަކުގައި ޕޮލިސްޓޭޝަންތައް އެޅުމަށް ކުރިއަށް ގެންދާ މަޝްރޫޢަކީ 681,501,117.51 ރުފިޔާގެ މަޝްރޫޢެކެވެ.

ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްރަށުގައި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.

އެގޮތުން ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްތަކުގައިވެސް 2027ގެ ކުރިިން ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރެއްވުމަށް އަމާޒުހިފާފައިވާ ކަމަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން