ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހުގެ ނިޔަލަށް 14,566 މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު 154 މީހުންގެ އިތުރުވުމެކެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 6,095 އަންހެނުންނާއި 8,471 ފިރިހެނުންނެވެ. ދަފްތަރުގައި ހިމެނޭ 8 ގިންތީގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ.
ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 4,147 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 1,831 އަންހެނުންނާއި 2,316 ފިރިހެނުންނެވެ. އަދި މަލްޓިޕަލް ޑިސްއެބިލިޓީ ހުރެގެން 3,273 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ 1,158 އަންހެނުންނާއި 2,115 ފިރިހެނުންނެވެ.
ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރެގެން 1,889 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ނަފްސާނީ ނުކުޅެދުންތެރިކަން ހުރެގެން 1,854 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އަދި އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1,756 ފަރާތެއް ރަޖިސްޓްރީކޮށްފައިވެއެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވަނީ ޖުމްލަ 1,006 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 472 އަންހެނުންނާއި 534 ފިރިހެނުންނެވެ.