ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގައި ހިމެނޭ ހަނިފަރުބޭ ސަރަހައްދު ބެލެހެއްޓުމަށް ދަރަވަންދޫގައި ވޮޗް ޓަވަރެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ހާމަކުރެއްވީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވްއަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމާއި މުޅި ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ވަރަށް މުހިންމު ތަނެކެވެ. އަދި ދަރަވަންދޫގައި ލޯކަލް ޓުއަރިޒަމް ކުރިއަރަމުންދާއިރު، ގިނަ ގެސްޓް ހައުސްތަކާއި، މިހާރުވެސް އިތުރު ތަންތަން ހެދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
"މިރަށުގައިވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު ވޮޗް ޓަވާރެއް ޤާއިމްކޮށްދީ މިރަށުގައި ލޯކަލް ޓުއަރިޒްމް ހިނގާ ފަރާއްތަކުން އެ ސަރަހައްދު ބޭނުންކުރުމުގައި މިރަށައް ބޭނުންވާ ފަސޭހަތައް ހޯދާނިނުމުގެ މަސައްކަތް ކޮށްދޭނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި މަޝްރޫޢުއަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ވޮޗް ޓަވަރ ޤާއިމްކުރުމުން ހަނިފަރުބޭ ސަރަހައްދު ބެލެހެއްޓުމަށް އިތުރު ފަސޭހަތަކެއް ލިބި، އެ ސަރަހައްދުގެ ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.