ޖުލައިމަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރު އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 2ސ
ޖުލައިމަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރު އިތުރުވެއްޖެ

ދިވެހިރާއްޖޭގެ އިޤުތިޞާދީ ހަމަޖެހުމާއި މުސްތަޤުބަލަށް އުއްމީދު ގެނެސްދޭ ޚަބަރެއްގެ ގޮތުގައި، ޖުލައިމަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޤައުމީ ރިޒާވަކީ ކޮންމެ ޤައުމެއްގެ އިޤުތިޞާދީ ހަމަޖެހުމަށާއި ކޮންމެހެން ބޭނުންޖެހިއްޖެ ޙާލަތެއްގައި ޚަރަދުކުރުމަށް ބަހައްޓާ މުހިންމު ފައިސާއެކެވެ. 

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައިމަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ވަނީ 213.22 މިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރި 203 މިލިޔަން ޑޮލަރަށްވުރެ 5 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭނުން ކުރެވޭ ރިޒާވަކީ ވަގުތުން ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންކުރުމަށް ރިޒާވުގައި ހުންނަ އަދަދެވެ. 

ނަމަވެސް، މި ހިސާބުތަކުން ދައްކާގޮތުން ޖުލައި މަހު ރަސްމީ ރިޒާވް (ގްރޮސް އިންޓަރނޭޝަނަލް ރިޒާވް) ވަނީ ޖޫން މަހަށްވުރެ 6 އިންސައްތަ ދަށްވެފައެވެ. ޖުލައިމަހު ރަސްމީ ރިޒާވުގައި ހުރީ 774.52 މިލިޔަން ޑޮލަރެވެ. އަދި ޖޫންމަހު ރަސްމީ ރިޒާވުގައި 832.4 މިލިޔަން ޑޮލަރު ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރަސްމީ ރިޒާވަކީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި ބަލާ މުހިންމު މިންގަނޑެކެވެ. މީގެ އިތުރުން ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު މިމުއްދަތުގައި ވަނީ ދަށްވެ، ޖުލައި މަހު މި އަދަދު 688.24 މިލިޔަން ޑޮލަރުގައި ހުރިއިރު، ޖޫން މަހު މި އަދަދު ހުރީ 774.5 މިލިޔަން ޑޮލަރުގައެވެ. 

ރާއްޖޭގެ ރިޒާވް ޚަރުދަނާކޮށް ރިޒާވުގައި ހުރި މިންވަރު އިތުރުކުރުމަށް ސަރުކާރުންނާއި އެމްއެމްއޭއިން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ކޯވިޑް ބަލިމަޑުކަމަށް ފަހު ރިޒާވް ދަށްވެގެން ދިޔައިރު، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އިތުރުވެ މިދިޔަ ދެތިން އަހަރު ތެރޭގައި ސަރުކާރަށް ބޭރުން އެހީ ހޯދުމަށް ދަތިވިކަމަށްވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. 

މިކަން ހައްލުކުރުމަށްޓަކައި، ބޭރުފައިސާގެ އައު ޤާނޫނު ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ ތެރެއިން 60 އިންސައްތަ ރިޒާވް ހަރުދަނާކުރުމަށް އެމްއެމްއޭއިން ދަނީ ބޭނުންކުރަމުންނެވެ. މީގެ އިތުރުން މިއަހަރު ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑީއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕަކީވެސް ރިޒާވް މިއަހަރު ތެރޭގައި ހެޔޮ ބަދަލެއް އައުމަށް މެދުވެރިވި ސަބަބެއްކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. މި ސްވޮޕް އެއްކޮށް ބޭނުން ކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. 

ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަންޖެހެނީ މިއަހަރު އަދި އަންނަ އަހަރެވެ. ޚާއްސަކޮށް އަންނަ އަހަރު 1 ބިލިޔަން ޑޮލަރަށްވުރެ ގިނަ އަދަދެއް ދައްކަންޖެހޭއިރު، ރިޒާވް ހަރުދަނާވުމަކީ މިކަމަށް މުހިންމު ކަމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރެއެވެ. 

މި މުހިންމުކަން ރަނގަޅަށް ދެނެގަނެ، ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އޮކްޓޯބަރު 2024 ގައި އެމްއެމްއޭއިން މިނިމަމް ރިޒާވް ރިކުއަރމަންޓް (އެމްއާރްއާރް) ގެ ގޮތުގައި ބޭރު ފައިސާ ބަހައްޓަންޖެހޭ ނިސްބަތް 10 އިންސައްތައިން 7.5 އިންސައްތައަށް ދަށްކުރުމަށް ވަނީ ނިންމާފައެވެ. މިއީ ބޭރު ފައިސާގެ އެމްއާރްއާރްއަށް ގެނެވުނު ފުރަތަމަ ބަދަލެވެ. ނަމަވެސް ރުފިޔާގެ ރިޒާވް ރިކުއަރމަންޓަށް ބަދަލެއް ނުގެނެސް 10 އިންސައްތާގައި ހިފަހައްޓާފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

އެމްއާރްއާރް އަކީ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ ލިކުއިޑިޓީ މެނޭޖްކުރުމަށް މަރުކަޒީ ބޭންކުތަކުގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގެންގުޅޭ ވަސީލަތެކެވެ. އެގޮތުން ހުރިހާ ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކުގައި ކަނޑައެޅިފައިވާ މިންވަރެއް ރިޒާވްގެ ގޮތުގައި ބަހައްޓަންޖެހެއެވެ. މި ބަދަލުގެ ސަބަބުން ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދިނުމަށްޓަކައި ލިބިގެންދާނެއެވެ. މީގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިވެ، އިގްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެއެވެ. 

އެމްއެމްއޭއިން ދައުރުވާ ފައިސާ (މަނީ ސަޕްލައި) ބެލެހެއްޓުމަށާއި އަގުތައް މައްޗަށް ދިއުން ކޮންޓްރޯލްކުރުމަށް އެހެނިހެން ވަސީލަތްތައް ވެސް ބޭނުންކުރެއެވެ. ސަރުކާރުން މެދުރާސްތާގެ މާލީ އަދި ދަރަނީގެ ސްޓްރެޓެޖީތައް އެކުލަވާލަމުންދާއިރު، ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް އިންވެސްޓްމަންޓް މާޙައުލު ރަނގަޅުކުރުމަށް ގެނެވޭ ސްޓްރަކްޗަރަލް އިޞްލާޙުތަކުގެ އެހީގައި ދައުލަތުގެ ދަރަނި ދަށަށް ދާނެ މަގެއް ހޯދުމެވެ. މި ހުރިހާ މަސައްކަތަކީވެސް ރާއްޖޭގެ އިޤުތިޞާދީ މުސްތަޤުބަލު އުޖާލާކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެކެވެ.

މިއަދު އޮންލައިން