ދިވެހިރާއްޖޭގެ ތާރީޚީ އަދި ސަގާފީ މުހިންމުކަން ފާހަގަކޮށް، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ 6 މިސްކިތެއް ވަނީ ހިމަނައިފައެވެ.
މި މިސްކިތްތަކުގެ ތެރޭގައި މާލޭ ހުކުރު މިސްކިތާއި، މާލޭ އީދު މިސްކިތް، ހއ. އިހަވަންދޫ އާސާރީ މިސްކިތް، ރ. މީދޫ ބައު މިސްކިތް، ލ. އިސްދޫ އާސާރީ މިސްކިތް އަދި އދ. ފެންފުށީ ހުކުރު މިސްކިތް ހިމެނެއެވެ. މި މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ނޮމިނޭޝަން ޑޮޒިއަރ އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
މި މަހުގެ 13 އާއި 14 ގައި ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޝަހުރުއްޛިޔާދު އަދި ޔުނެސްކޯގެ ޑިރެކްޓަރ އަދި ރެޕްރެޒެންޓޭޓިވް ޓިމް ކަރޓިސް ގެ އިތުރުން ޔުނެސްކޯ އޮފީހުގެ ބޭފުޅުންނާއި، ބޭރުގެ މާހިރުންނާއި، ގުޅުންހުރި ކައުންސިލްތަކާއި އިދާރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މި މިސްކިތްތަކަށް ބައިނަލްއަޤްވާމީ ދަރަޖައެއް ހޯދައިދިނުމެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ ސަމާލުކަން ލިބި، އެ ތަންތަން ބަލަހައްޓައި ދެމެހެއްޓުމުގައި އެފަރާތްތަކުގެ އެހީތެރިކަން ލިބި، ދިވެހި އިޤްތިޞާދަށާއި ދިވެހީންގެ އިޖުތިމާޢީ ދިރިއުޅުމަށް މަންފާ ލިބިގެންދާނެއެވެ.
އެ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް 2026 ވަނަ އަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް، އެ އަހަރު ޔުނެސްކޯއަށް ހުށަހެޅުމަށް ވަނީ ރޭވިފައެވެ.