ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަން ހުރެމެ ﷲ އަށްޓަކާ ނުކުޅެދުންތެރި ސިފަވެސް ރީތި ނޫން އަންހެނަކާ ކައިވެނިކުރުމުން ތަނަވަސްކަން އެތައް ގުނައަކަށް އިތުރުވީ މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަން ހުރެމެ ﷲ އަށްޓަކާ ނުކުޅެދުންތެރި ސިފަވެސް ރީތި ނޫން އަންހެނަކާ ކައިވެނިކުރުމުން ތަނަވަސްކަން އެތައް ގުނައަކަށް އިތުރުވީ މީހެއްގެ ވާހަކަ-

އެއީ ތަނަވަސް ޒުވާނެކެވެ. ބައްޕަގެ ގާތް އެކުވެރިއަކަށް ބަލީޙާލެއް ކުރިމަތިވުމުން އޭނާއަށް އެހީތެރިވެދޭން ފެށިއެވެ. އެގެއަށް ގޮސް ޙާލު ބަލައި ބޭނުންވާ ކަންކަން ކޮށްދިނެވެ.  

އެމީހާގެ 2 އަންހެން ދަރިން ތިބެއެވެ. އެކަކީ އިސްކޮޅުން ދިގު ވަރަށް ސިފަރީތި ދޮން ކުއްޖެކެވެ. އަނެއް ކުއްޖާއަކޫ، އިސްކޮޅުން ކުރު، ހިނގައި އުޅުމުގައި އުނދަގޫތަކެއް ހުންނަ ސިފަވެސް އެހައި ރީތި ނޫން ކުއްޖެކެވެ.  

ސިފަރީތި ކުއްޖާ އެޒުވާނާގެ ފަހަތުން އަޅައިގަތެވެ. އޭނާ އާއި ގާތްކަން އުފެއްދޭތޯ ދިއައީ މަސައްކަތްކުރަމުންނެވެ. އަނެއް ކުއްޖާ އެފަދަ ވިސްނުމެއް ނުގެންގުޅެއެވެ. ވާހަކަ ދައްކަނީވެސް ޒުވާނާ ވާހަކަ ދައްކައިފިނަމައެވެ.  

ދުވަސްކޮޅެއް ފަހުން ޒުވާނާ އެކުދިންގެ ބައްޕަގެ ކިބައިން އެދުނީ ސިފަހުތުރު ކުއްޖާގެ ކައިވްންޏަށެވެ. އަންހެންކުއްޖާ ވަރަށް ކަްނބޮޑުވިއެވެ. އެއީ ކޮއްކޮ ޒުވާނާ އަށް ސަމާލުކަންދޭވަރު އެނގޭތީއެވެ. ނަމަވެސް ކައިވެންޏަށް ދެކޮޅު ނުހަދައި އެއްބަސްވިއެވެ. އެއީ މާތް ﷲ ދެއްވެވި ފުރުޞަތެއް ނަގައިނުލުމަށެވެ. އަދި ކޮއްކޮ އާއި ޒުވާނާގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިފައި ނެތްކަން އެނގޭތީއެވެ.  

ކައިވެނީގެ ރޭ ކޮއްކޮ ވަރަށް ދެރަވެފައި ހުރިކަން ފާހަގަ ކުރެވުމުން އެއްފަރާތަކަށް ގެންގޮސްފައި ބުންޏެވެ. "ފަހަރީއެވެ. ދެރަނުވާށެވެ. ހުރިހާ ކަމެއް އަހުރެންނަށް ވިސްނެއެވެ. އަހުރެން މިކައިވެނި މިކުރަނީ މާތް ﷲ ގެ ރަޙްމަތަށް އެދިގެންނެވެ. ކައިވެނިކުރާނެ ރަނގަޅު މީހަކު ނުލިބޭނީ ދައްތައަށެވެ. އޭނާގެ ސިފައާއި ހުރި ޙާލުންނެވެ. ފަހަރިއަށްވެސް ކައިވެނިކުރާނެ ރަނގަޅު މީހަކު ހޯދައިދޭނަމެވެ. އިން ޝާ ﷲ"  

އެކައިވެންޏަށް މިހާރު 12 އަހަރުވެއްޖެއެވެ. އޭނާގެ ތަނަވަސްކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ދެމަފިރިން ދިރިއުޅެމުން އަންނަނީވެސް ވަރަށް ލޯބިންނެވެ. އެހެންވެ ޒުވާނާގެ ބައެއް އެކުވެރިން އެވާހަކަ ދެއްކީމާ ބުނެއެވެ. "އަހުރެން ވިސްނީ ބޭވަފާތެރިނުވާނެ އަންހެނަކަށެވެ. އެހެން މީހުން ސަމާލުކަން ނުދޭނެ އަންހެނަކާއި ކައިވެނިކުރިކަމުގެ ފައިދާ ފެނިއްޖެއެވެ. މާތް ﷲ އަށްޓަކައި ކައިވެނިކުރުމުން ލެއްވެވި ރަޙްމަތްވެސް ފެނިއްޖެއެވެ. ފައިން ކޮރުޖެހިޔަސް ހިތުން ކޮރު ނުޖަހާނަމަ ފިރިމީހާއަށް ލިބޭނެ ހިތްހަމަޖެހުންވެސް އިޙްޞާޞްކުރެވިއްޖެއެވެ."  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިޙާދިސާއަށް ބަލައިފިނަމަ ލިބޭ ފިލާވަޅުތައް ވަރަށް ގިނަކަމަށެވެ. އަމިއްލައަށް ވިސްނައިލމުން ފައިދާކުރާނެއެވެ. އިން ޝާ ﷲ

 

- ޚަލީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން