ރާއްޖޭގެ ތަރައްޤީގައި އިންޑިޔާއަކީ އިތުބާރުކުރެވޭ ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ އިންޑިޔާގެ 77 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސް ވަނީ އިންޑިޔާގެ ރައީސް ދްރޫޕަދީ މުރުމޫއަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިޔާގެ އެންމެހާ ރައްޔިތުންނަށް ހޫނު ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި "މިނިވަން ދުވަހާއި، އެދުވަހުގެ ހަރަކާތްތަކާއެކު ކާމިޔާބާއި މިނިވަންކަމުގެ ޖޯޝާއި ރޫހު އާލާވެގެންދިއުން އެދޭ" ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުމުގެ ވާހަކަ ދައްކަވަމުން ރައީސް ވަނީ، ދެޤައުމުގެ ރައްޔިތުންނާއި ސަރުކާރުތަކާ ދެމެދު އޮތް ވަރުގަދަ ގުޅުން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި އިންޑިޔާއަކީ އިތުބާރު ހިފޭ ބައިވެރިއެއްކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދިވެހިރާއްޖެއާއި އިންޑިޔާއަކީ އެތައް ޒަމާނެއް ވަންދެން ވަރުގަދަ ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. މި ދެ ޤައުމުގެ ގުޅުން ވަނީ ސިޔާސީ، އިޤްތިޞާދީ އަދި ޘަޤާފީ ގޮތުން އެތައް ދާއިރާއަކުން ވަރުގަދަވެފައެވެ.