މިދިޔަ މަހު ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް އެންސްޕާއިން އެހީގެ ގޮތުގައި 32 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ. މިއީ އެންސްޕާގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ކުރެވުނު ޚަރަދެކެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުމްލަ 32.8 މިލިޔަން ރުފިޔާގެ ތެރެއިން 21.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވަނީ ރާއްޖޭގައި ކުރެވޭ ފަރުވާތަކަށެވެ. އަދި 11.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ކުރެވޭ ފަރުވާތަކަށެވެ.
މިދިޔަ މަހު އެންސްޕާއިން ވަނީ 22 ބާވަތެއްގެ ބައްޔަކާ ގުޅިގެން ހުށަހެޅުނު 1521 ކޭސްއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރެއިން އެންމެ ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔަށާއި ކަށީގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށެވެ.
ތަފްސީލުތަކަށް ބަލާއިރު، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 146 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ކަށީގެ ބަލިތަކަށް 132 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ނާރުގެ ބަލިތަކުގެ 124 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މީގެ އިތުރުން، ކަރުންމަތީގެ ބަލިތަކަށް 121 ކޭސްއަށާއި، ވިހެއުމާ ގުޅޭ ބަލިތަކަށް 119 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ނޭވާލާ ނިޒާމުގެ ބަލިތަކަށް 113 ކޭސްއަށާއި، ގޭސްޓްރޯއިންޓެސްޓިނަލް ބަލިތަކަށް 106 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.
އެންސްޕާގެ މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވާ އެހެނިހެން ބަލިތަކުގެ ތެރޭގައި ލޮލުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ކުޑަކުދިންގެ ބަލިތަކާއި، އަންހެނުންގެ ބަލިތަކާއި، ނަފްސާނީ ބަލިތައް ހިމެނެއެވެ. އަދި މީގެ އިތުރުން ތެލެސީމިއާ ބަލީގެ 7 ކޭސްއަށާއި، ދަތުގެ ފަރުވާއަށް 14 ކޭސްއަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.