އިސްރާޢީލުން ހިންގަމުންދާ ޤަތުލްޢާންމު ހުއްޓުވައި، ޣައްޒާ ހިޞޯރުން ނައްތާލުމަށް ގޮވާލުމަށް މިއަދު ހަވީރު ކުރިއަށްގެންދިޔަ "ޤައުމީ ބޮޑު އެއްވުން" އަށް ދުނިޔޭގެ ފަރާތުން ފާހަގަކުރެވޭ ސަމާލުކަމެއް ލިބިފައިވެއެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި އެއްވުމުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން ފަރާތްތަކުގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި، ދީނީ ޢިލްމުވެރިންނާއި، އާންމު ރައްޔިތުންނާއި އަދި ބޭރުގެ ފަރާތްތައްވެސް ބައިވެރިވިއެވެ.
މި އެއްވުމުގައި ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވާއިރު، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކުރުމަށާއި މިނިވަން މުސްތަގިއްލު ފަލަސްޠީނެއް ގާއިމުކުރުމަށްވެސް ގޮވާލާފައިވެއެވެ. މި އެއްވުމުގައި ޣައްޒާގެ ޤަތުލުޢާންމު އަދި ޔަހޫދީ ދައުލަތުގެ އަނިޔާތައް ކައިރިން ތަޖުރިބާކޮށްފައިވާ ފަލަސްޠީނުގެ ދެ ބޭފުޅަކު އެ ބޭފުޅުންގެ ހިތި ތަޖުރިބާތައް ހިއްސާކުރިއެވެ.
ރާއްޖޭގެ މި ހަރަކާތަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ޣައްޒާގެ ޚަބަރުތައް އެންމެ ސައްޙަ ކަމާއެކު ގެނެސްދެމުން އަންނަ އަލްޖަޒީރާ އިންވެސް މި އެއްވުމުގެ މަންޒަރުތައް ގެނެސްދީފައިވެއެވެ.
މި ހަރަކާތަކީ، ޔަހޫދީ ދައުލަތުން ވޭތުވެ ދިޔަ 18 އަހަރު ޣައްޒާ އެއްކޮށް ބަންދުކޮށްލާފައި އޮތުމާ ދެކޮޅަށް އަޑުއުފުލައި، ޣައްޒާ "ހިޞޯރުން" ނައްތާލުމަށް ހިންގާ ގްލޯބަލް ސުމުދު ފްލޯޓިލާގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 50 ކައުންސިލަކުން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، މިއީ މިހާތަނަށް ފަލަސްޠީނުގެ ހައްޤުގައި ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް ހަރަކާތް ކަމުގައި ފާހަގަކުރެވެއެވެ.