ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިކަމުގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 25 މަސްވެރިއަކަށް ޖުލައި މަހުގެ ނިޔަލަށް ލޯނު ދޫކޮށްފިއެވެ. މިއީ މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބީއެމްއެލް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ލޯނުތަކެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި އިންތިޒާމުގެ ދަށުން، މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދެއެވެ.
ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ނެގުމުގެ ފުރުސަތު މި އިންތިޒާމުގެ ދަށުން ލިބިގެންދެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ވަނީ ހަމަޖައްސާދީފައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މި ކަން ކަށަވަރުކޮށްދެމުން ވިދާޅުވެފައިވަނީ މި އިންތިޒާމަކީ މަސްވެރިންގެ މާލީ ޙާލަތު ރަނގަޅުކޮށް، އެ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއް ކަމުގައެވެ.