ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

ލ. ކައްދޫ އެއަރޕޯޓް ކައިރިން މިރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން 64 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 7:18 ހާއިރު، ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއަރޕޯޓަށްދާ މަގުގައި ހުރި ޒެބްރާ ކްރޮސިންގ އިން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ މަގު ހުރަސްކުރި ދެ މީހުންނާއި ސައިކަލުގައި ދަތުރުކުރި ދެ މީހުންނެވެ. އަނިޔާވި ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ވަނީ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެކްސިޑެންޓުގައި އަނިޔާވި 64 އަހަރުގެ އަންހެން ބޭކަނބަލު ނިޔާވެފައިވަނީ މިރޭ 10:22 ހާއިރު ކަމަށް މައުލޫމާތުލިބިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި އެހެން ފަރާތްތަކަށް ވެސް ދަނީ ފަރުވާ ދެމުންނެވެ.

މިއަދު އޮންލައިން