ނަފްސަށް ވުރެ އަބަދުވެސް ޤައުމު އިސްކުރެއްވުމަށް ސިފައިންނަށް އިލްތިމާސް ކުރަން: ދިފާޢީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ނަފްސަށް ވުރެ އަބަދުވެސް ޤައުމު އިސްކުރެއްވުމަށް ސިފައިންނަށް އިލްތިމާސް ކުރަން: ދިފާޢީ ވަޒީރު

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި، ނަފްސަށް ވުރެ އަބަދުވެސް ޤައުމު އިސްކުރެއްވުމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ސިފައިންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޣައްސާން ވިދާޅުވީ، "ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަބަދުވެސް ދިވެހި ސިފައިން ހިމާޔަތް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަކުރާރު ކުރަން" ކަމަށެވެ.

މި މަނަވަރަކީ ރާއްޖޭގެ އަސްކަރިއްޔާގެ ކަނޑުގެ ޚިދުމަތުގެ ތާރީޚުގައި މިހާތަނަށް ނެރުނު އެންމެ ބޮޑު އަސްކަރީ މަނަވަރު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަނަވަރާއެކު، އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމުގެ ޢަމާޒަށް ވާސިލުވުމުގައި އިތުރު ހަރުފަތެއް ގިރާކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ދުރު ރާސްތާތަކަށް ދަތުރުކޮށް ބަރު ހަތިޔާރާއެކު ހަރަކާތްތެރިވުމުގެ ޤާބިލުކަން ލިބިގެން އެބަދޭ" ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ކެނޑިނޭޅި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތުގެ ނަތީޖާ ކަމަށް ފާހަގަކުރައްވައި، އެކަމަށްޓަކައި ދިވެހި ސިފައިންގެ ނަމުގައި ރައީސަށް ޝުކުރު ދެންނެވިއެވެ.

މި މަނަވަރަކީ ތުރުކީ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކުރި މަނަވަރެކެވެ. މި މަނަވަރު ލިބުމާއެކު ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ޚިދުމަތުގެ ޤާބިލުކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން