"އޮފީހަށް ދިއައިމަ އޮފީހުގަ އުޅޭ ކުދިންވެސް އުޅެނީ ޖައްސާލައިގެންނެވެ. ގެއަށް އައިމަ މައިންބަފައިންގެ ލޯތްބެއް ނުލިބެއެވެ. ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ދިއަތާ އަހަރުވަނީއެވެ. މިހުރިހާ ކަންކަމަށް ވިސްނަން ހަދައިގެން މިހާރު ހަމަނިދިވެސް ނުލިބެއެވެ. ސިއްސަސިއްސައިގެންދަނީއެވެ. ނޭވާލާންވެސް އެބަ އުނދަގޫވެއެވެ."
މިއީ އެއިރު އަޅުގަނޑު ދިރިއުޅެމުން އައި ޙާލެވެ. އަދި އެއިގެ ކުރިއަށް ހަނދާންކޮށްލައިފިނަމަ އަޅުގަނޑަކީ އެއްވެސް ޢުމުރެއްގައި މައިންބަފައިންގެ ލޯބިވެސް ލިބުނު ކުއްޖެއް ނޫނެވެ. ގައިގެ ހަމުގެ ކުލަކަޅުވީމައެވެ. އެކަމަށް ކުރާ ފުރައްސާރައަށް ކެތް ނުކުރެވިގެން ބައެއް ދުވަސްދުވަހު ބުނަންޖެހެއެވެ. "މިކަމާ އަހަރެން ކުރާނީ ކީއްހެއްޔެވެ؟ މިއީ އަހުރެންނަށް ބަލިވެ އިނދެ މަންމަ މާގިނައިން ބިންބިފުށް ކެއީމަ ވީގޮތެކެވެ. އެއިރު މަންމަ ބޭނުންވީ ކަޅުކުއްޖެކެވެ. ދެން މިހާރު ކަމުނުދިއައިމަ ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟"
ކޮންމެއަކަސް އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑުގެ ބެސްޓް ފްރެންޑަކީ މާތް ﷲ ކަމަށް ޔަޤީންކޮށް އުޅެމުން އަންނަ އަންހެނަކީމެވެ. ޢުމުރުން 24 ވަނަ އަހަރުގައި އެއްރޭ ރޭއަޅުކަންކޮށްލައިގެން ފަތިސްނަމާދަށް އިންތިޒާރުކުރަން އިނދެގެން ﷲ އަށް ދެންނެވީމެވެ.
"ޔާ ﷲ! މިއަޅާގެ ހިތަށް ހަމަޖެހުމެއް ލިބުން ލަސްވެގެން އެއްވެސް ޝަކުވާއެއް ނުދަންނަވަމެވެ. މިއަޅާ އެދެނީ ހުވަފެނެއްގައި ނަމަވެސް މިއަޅާގެ ހިތަށް އުފާވެރިކަމެއް މިންވަރު ކުރައްވަވާނެ ދުވަސްވަރެއް އެނގުމެވެ. މިއަޅާ ބޭނުންވަނީ ތަނަވަސް ފިރިއަކަށް ނޫނެވެ. ކިތަންމެ ފަޤީރު ނަމަވެސް މިޖަލުން މިއަޅާނެރެގެން ގެންދާނެ ފިރިއަކަށެވެ." އެހެން ބުނެވުނުތަނާހެން ރޮވެން ފެށިއެވެ. ނިދުނު އިރުވެސް ލޮލުން ކަރުނަ ފައިބައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ޖެހިގެން އައި ދުވަހު އޮފީހަށް ނުކުމެ މަސައްކަތްފެށިތަނާ ގޮވައިގެންގޮސްފައި ބޮސްބުނީ އަޅުގަނޑުގެ ވަޒީފާ ރާއްޖެތެރޭ ރަށަކަށް ބަދަލުކުރީކަމަށެވެ. އެއީ ކުންފުނިން އެރަށުގައި ހިންގާ ފިހާރައެއްގެ ކަންކަން ބެލެހެއްޓުމަށެވެ.
ޙަޤީޤަތުގައި މިވީ ގޮތަކީ ރާއްޖެތެރެއަށް ދާންޖެހޭތީ އެއްވެސް މުވައްޒިފަކު އެއްބަސްނުވީއެވެ. އަޅުގަނޑު އެވަޤުތު ވިސްނީ ތަފާތުކޮށެވެ. ލިބުނު ފުރުޞަތުގެ ބޭނުން ހިފައި އެރަށަށް ދިއުމަށެވެ. އެއިރުން މާޙައުލު ބަދަލުވެ ހިތްހަމަޖެހުން ލިބިދާނެ ކަމުގެ އުންމީދުގައެވެ.
އެއުންމީދުގަ އެރަށަށް ގޮސް މަސައްކަތްކުރަން ފެށީމެވެ. ނަޞީބަކުން އަޅުގަނޑުގެ ގައިގެ ކުލަކަޅުވެގެން ނުވަތަ ހުތުރުވެގެން ބައަކު ނުއުޅެއެވެ. ފިހާރައަށް އަންނަ އެންމެންވެސް ސަމާލުކަން ދެއެވެ. މުވައްޒިފުންވެސް އަޅުގަނޑާއިމެދު ހިތް ހަމަނުޖެހިގެނެއް ނުއުޅެއެވެ. އަޅުގަނޑަކީ އަބަދުވެސް އެންމެންނާއިވެސް ގުޅިގެން މަސައްކަތްކުރާހިތްވާ އަދި އެގޮތަށް ޢަމަލުކުރަން މަސައްކަތްކުރާ އަންހެނަކަށްވުމުންވެސް މާލޭގައި ނުލިބުނު މުވައްޒިފުންގެ ލޯބިލިބެން ފެށިއެވެ.
ކޮންމެހެން މާލެ ނުގެނެސްގެނެއްވެސް ނުއުޅެމެވެ. އެރަށުގައި ހުންނަތާ އަހަރެއްހައި ދުވަސްވީފަހުން އެކުވެރި ސްޓާފަކު އޭނާގެ އެކުވެރި ޒުވާނަކު ތަޢާރަފްކޮށްދިނެވެ. އެއީ އެކުއްޖާ އާއި ޢާއިލީ ގޮތުންވެސް ގުޅުންހުރި ޒުވާނެކެވެ. ބޮޑުދައިތަގެ ދަރިފުޅެވެ.
ދެމީހުންގެ މެދުގައި ގުޅުންބަދަހިވަމުން ގޮސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެނިކުރެވިއްޖެއެވެ. ކުއްޔަށް ހުރި ކޮޓަރި ދޫކޮށްލައި ފިރިމީހާގެ ޢާއިލީގެއަށް ބަދަލުވެއްޖައިމެވެ. ފުރަތަމަކޮޅު ހުރެވުނީ ވަރަށް ބިރުންނެވެ. އެއީ އަމިއްލަ ގޭތެރެއިން އަބަދު ފެންމަތިވަމުން އައި އަޅުގަނޑުގެ ގައިގެ ކުލައިގެ މައްސަލަ ނުކުމެދާނެތީއެވެ. ކޮންމެއަކަސް އެގޭ މީހުން އެކަމާ ކަންބޮޑުވެގެނެއް ނުއުޅުނެވެ. އެފަދަ ވާހަކައެއް ހަމަ ޤައިމުވެސް އަޅުގަނޑަކަށް އަޑެއް ނުއިއްވައެވެ.
ފިރިމީހާގެ ބައްޕައަކީ މުދައު އުފުލާ ކުޑަވަރެއްގެ ބޯޓަކާއި 2 މަސްދޯނި ދުއްވާ މީހެކެވެ. އަތުގައި ފުދޭވަރަކަށް ފައިސާވެސް ހުއްޓެވެ. އެހެންވެ ބައްޕަގެ ނަމުގައި ވިޔަފާރިއެއް ފަށަން ޚިޔާލުދިނީމެވެ. ބުނީ ވިޔަފާރިއެއް ކުރަން ބޭނުންވާ ކަމަށާއި ނުފަށައި ހުންނަނީ ހިންގުމުގެ ހުނަރު ނެތުމުން ކަމަށެވެ.
ކޮންމެއަކަސް ބައްޕަގެ ފައިސާގައި ފިހާރައެއް ހުޅުވައި އެފިހާރަ ހިންގަން އެހީތެރިވެދިނީމެވެ. ލިބޭ ހުސްވަޤުތުގައި މަސައްކަތްވެސްކޮށްދިނީމެވެ. ފިހާރަ ރަނގަޅަށް ހިނގައިގަނެ ޢާއިލާގެ ތަނަވަސްކަން އިތުރުވާން ފެށުމުން މުޅި ޢާއިލާއިން އަޅުގަނޑު ވަރަށް ބޮޑަށް ބަލައިގަތެވެ. ފުރަތަމަ ދަރިފުޅު ލިބުމާއިއެކު ބައްޕަގެ ބަހަށް ޖެހުނީ ވަޒީފާވެސް ދޫކޮށްލާށެވެ. ދަރިފުޅު ބަލަން ގޭގައި އިންނާށެވެ.
ކޮންމެއަކަސް މިހާރު ފިރިމީހާގެ ޢާއިލާގެ ފިހާރައަކީވެސް ރަށުގައި އެންމެ މަޝްހޫރު އެއް ފިހާރައެވެ. ގޭގަ ބޯޓެއް ދުއްވާތީ މުދައު ގެންނަން އުނދަގުލެއް ނޫނެވެ. ވީމާ ހޯލްސޭލްވެސް ކުރެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކަޅުވެގެން، ކުރުވެގެން ނުވަތަ އެނޫންވެސް ސަބަބެއް ހުރެގެން ބައަކަށް ތިމާ ކަމުނުދާނަމަ އެކަމަށް ހިތާމަކުރަން ނުހަދާށެވެ. ތިމާގެ އަބްލު ސިފައިގައި ބަލައިގަންނާނެ ބައަކު ލިބޭތޯ ބަލާށެވެ. ދެން އޮތީ ރަށެއްގައި ދިރިއުޅުމެވެ. މިހާރުވެސް ބައެއް އެކުވެރިން ބުނެއެވެ. "އެމްބީއޭ ޙާޞިލްކޮށްގެން ރަށެއްގައި އުޅުނީމާ ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟"
އެހެން ބުނި ބައެއް ކުދިންނަށް ދަޢުވަތުދީގެން ރަށަށް ގެންގޮސް އަޅުގަނޑު ދިރިއުޅޭ ފެންވަރު ދެއްކީމާ ތިބެނީ ބުނާނެ އެއްޗެއް ނުއެނގިފައެވެ. ގެއަކީ އެންމެ ރަނގަޅަށް ހެދިފައިވާ ތަނަވަސް ގެއެވެ. ބޮޑުސިންގާ ބަގީޗާއެއް އޮވެއެވެ. ތަރުކާރީ ހައްދަމެވެ. ފިރިމީހާއާއި އަޅުގަނޑާއި ދެމީހުންނަށް ސައިކަލަކާއި ކާރެއް އޮވެއެވެ. އެހެންކަމަށްވާއިރު މާލެއެވެ ކިޔާ ރަށުގައި ނުއުޅެވޭތީ މަދީ ކޮންކަމެއް ހެއްޔެވެ؟
- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް