އާންމުންނަށް ދަތިވާގޮތަށް، މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރައްވައިފިއެވެ.
މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ދެފަރާތުގައި ގަވާއިދާ ޚިލާފަށް ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނާއި މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، މާލޭގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކުގެ ސަބަބުން އާންމުންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަން ވެސް ފާހަގަކުރެވެއެވެ.
ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އުޅަނދުތަކާއެކު ކުރިމަތިވަމުންދާ ޕާކިންގ މައްސަލަ، މިފަދައިން ހުރި ދުވަސްވީ އުޅަނދުތަކާއެކު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. އަދި ހަލާކުވެ ބޭނުން ނުކުރެވޭ ފެންވަރުގައި ހުރި މިފަދަ އުޅަނދުތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ ހިތްގައިމުކަން ގެއްލެމުންދާކަންވެސް ފާހަގަކުރެވެއެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މިއީ މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ މަގުތަކުގެ ޕާކިންގ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.