65 އަހަރުން މަތީ މީހުންނަށް ހައްޖު ކޯޓާގެ ވަކި އިންސައްތައެއް ކަނޑައަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
65 އަހަރުން މަތީ މީހުންނަށް ހައްޖު ކޯޓާގެ ވަކި އިންސައްތައެއް ކަނޑައަޅަނީ

ހައްޖު ކޯޓާގެ ކަންކަން އިންސާފުވެރިކަމާއެކު ތަރުތީބުކުރުމަށްޓަކައި ޚާއްސަ އުޞޫލުތަކެއް ކަނޑައަޅުއްވައިފިއެވެ. މިކަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި އައު އުޞޫލުތަކުގެ ދަށުން، އަލަށް ޙައްޖަށްދާ ފަރާތްތަކަށް އިސްކަންދިނުމާއި، ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ޙައްޖަށް ނުދެވޭ ގޮތަށް ހަމަޖެހިގެންދާނެއެވެ. އަދި ޢުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކު ކަނޑައެޅުމަށް ސަރުކާރުން ނިންމަވާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

"މި ކަންކަމުން ޙައްޖުގެ އާމިލުންނާއި ޚިދުމަތްތެރިންނާއި ސިއްޙީ މާހިރުން އިސްތިސްނާވާނެ. މި ބަދަލުތައް ރައީސް ގެންނަވާފައިވަނީ އިސްލާމީ ދުނިޔޭގައި މިކަމުގައި ޢަމަލުކުރަމުންދާ ފޮތް ބައްލަވާ ދިރާސާކުރެއްވުމަށްފަހު 5 ޖެނުއަރީ 2025 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން," ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މި އައު އުޞޫލުތަކަށް އަންނަ އަހަރުން ފެށިގެން ޢަމަލުކުރަން ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ކިއު ތަރުތީބުކުރުމުގައި ޢުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ޙައްޖަށްދާ މީހުންނަށް އަބަދުވެސް އިސްކަމެއް ދެވޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޙައްޖުގެ ކަންކަން ހަރުދަނާކޮށް، ފުރިހަމަ ޚިދުމަތްތައް ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދީ، ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް ޒަމާނަށް ފެތޭ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

މިއަދު އޮންލައިން